ފުޓްބޯޅަ ކުޅުންތެރިންނަށް ޗުއްޓީ ލާޒިމުކުރަން ފިފްޕްރޯއިން ގޮވާލައިފި

ލަންޑަން (އޮގަސްޓް 2) - ސިއްހީ ގޮތުން ފުޓްބޯޅަ ކުޅުންތެރިން އެންމެ ރަނގަޅު ހާލަތެއްގައި ބަހައްޓަން ބޭނުންނަމަ ސީޒަން ނިމުމުންނާއި ސީޒަނުގެ ތެރެއިން ޗުއްޓީއެއް ލާޒިމުކުރަންޖެހޭ ކަމަށް ކުޅުންތެރިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ފިފްޕްރޯ އިން ބުނެފި އެވެ.


ފިފްޕްރޯ އިން ދާދި ފަހުން ދުނިޔޭގެ ނަން މަޝްހޫރު 16 ކުޅުންތެރިއެއްގެ އެއް ސީޒަނުގެ ހުރިހާ ތަފާސް ހިސާބުތަކެއް އެއްކޮށް ބެލިއިރު، ގިނަ ކުޅުންތެރިންނަށް ވަނީ އަރާމްކުރަން އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ގެއްލުން ލިބުމުގެ ބިރު ބޮޑުވެފަ އެވެ. އެއީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅުމުގެ އިތުރުން ދިގު ދަތުރުތައް ކުރަންޖެހޭތީ އެވެ.

މިދިޔަ ސީޒަނުގެ ތެރޭގައި 80 މެޗު ކުޅެފައި 110،000 ކިލޯމީޓަރު ދަތުރުކުރަންޖެހުނު ކުޅުންތެރިން ވެސް ހިމެނެ އެވެ.

އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ ވަނީ ކުޅުންތެރިން ފިޒިކަލީ ތައްޔާރުވިތޯ ބަލާއިރު ނަފްސާނީ ގޮތުން ލިބެންޖެހޭ ރައްކާތެރިކަން ވެސް ކަށަވަރުވެފައި އޮންނަންޖެހޭނެ ކަމަށެވެ. މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅުނު މިހާރު އެންޑަލެކްޓްގެ ކޯޗު އަދި ކުޅުންތެރިޔާ ވިންސެން ކޮމްޕެނީ ބުނީ ވަކި ވަރަކަށް އަރާމްކުރަން ކުޅުންތެރިންނަށް މަޖުބޫރުކުރަންޖެހޭ ކަމަށެވެ.

ފިފްޕްރޯގެ ރިޕޯޓްގައިވާގޮތުން އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހެނީ ޔޫރަޕުން ބޭރުގެ ގައުމުތަކުގެ ކުޅުންތެރިން ކަމަށެވެ. އެ ގޮތުން މިދިޔަ ސީޒަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު ބުރައެއް އުފުލަންޖެހުނީ ލިވަޕޫލާއި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ލިވަޕޫލާއި ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އަދި ޓޮޓެންހަމް އަދި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ.

ސޮން ވަނީ މިދިޔަ ސީޒަނުގައި 78 މެޗު ކުޅެފަ އެވެ. ދެކުނު ކޮރެއާ އަށް ކުޅުމަށް 110،000 ކިލޯމީޓަރަށް ވުރެ ދިގު ރާސްތާއެއްގެ ދަތުރުތައް ކޮށްފައިވާއިރު، މިިދިޔަ ސީޒަނުގައި އޭނާ ކުޅުނު 72 އިންސައްތަ މެޗުގައި ކުޅުނީ ފަސް ދުވަހުގެ ބްރޭކެއް ނުލިބި އެވެ.

ދެކުނު ކޮރެއާގެ މެޗެއްގެ ތެރެއިން ސޮން. -- ފޮޓޯ: އޭއެފްޕީ

މާނޭ މިދިޔަ ސީޒަނުގައި 70 މެޗު ކުޅުނުއިރު، ގައުމީ ޓީމު ކަމަށްވާ ސެނެގޯލަށް ކުޅެން 100،000 ކިލޯމީޓަރު ދަތުރުކުރަން ޖެހުނެވެ. ކީޕަރު އެލިސަން ވެސް 72 މެޗު ކުޅުނުއިރު، ބްރެޒިލް ޓީމަށް ކުޅެން 80،000 ކިލޯމީޓަރު ދަތުރުކުރަންޖެހުނެވެ. ބާސެލޯނާގެ އިވާން ރަކިޓިޗް ވެސް ވަނީ ފަސް ދުވަހުގެ ބްރޭކެއް ނުލިބި ގިނަ މެޗުތަކެއް ކުޅެފަ އެވެ.

ފިފްޕްރޯގެ ޖެނެރަލް ސެކްރެޓަރީ ތިއޯ ވެގް ސެގެލާން ވިދާޅުވީ ޝެޑިއުލެއް ރާވަފައި އޮންނަ ގޮތަކަށް ކުޅުންތެރިން ލައްވައި ގާތްގާތުގައި މެޗުތަކެއް ކުޅުމަކީ ގަސްދުގައި ކުޅުންތެރިން ބިރުވެރިކަމެއްގެ ތެރޭގައި ބެހެއްޓުން ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ކުޅުންތެރިންނަށް ރަނގަޅަށް ކުޅެވޭނެ އަދި ދުޅަހެޔޮކޮށް ތިބެވޭނެ ގޮތަކަށް ކަންތައްތައް އިންތިޒާމްކުރުން ކަމަށް ބުންޏެވެ.

"ވަކި ވަރަކަށް ވުރެ ބޮޑަށް ކުޅުންތެރިންނަށް މެޗު ޕްރެޝަރު އަންނަންޏާ އެ ދެވެނީ ނަފްސާނީ ގޮތުން ޕްރެޝަރު. އަނެއްކޮޅުން ދެ މެޗު ދެ މެޗުގައި ރަނގަޅު ރިކަވަރީ ވަގުތެއް ނެތުމަކީ ފިޒިކަލީ ކުޅުންތެރިން ހަލާކުކޮށްލާނެކަމެއް. އެބަޖެހޭ ބެލެންސެއް އޮންނަން. އެކަން ކުރެވޭނެ އެއް މަގަކީ ސީޒަން ނިންމާފައި ހަތަރު ހަފްތާގެ ޗުއްޓީ އަކީ ލާޒިމުކަމަކަށް ހެދުން،" ސެގެލާން ވިދާޅުވި އެވެ.

ފިފްޕްރޯ އިން ބުނީ އެ ޖަމިއްޔާ އިން 543 ކުޅުންތެރިންނާއި ސުވާލުކޮށް ބެލިބެލުމުގައި 85 އިންސައްތަ ކުޅުންތެރިން ސީޒަނުގެ މެދުތެރެއިން 14 ދުވަހުގެ ބްރޭކެއް ބޭނުންވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފިފްޕްރޯ އިން ވަނީ ކަންތައްތަކެއް ވެސް ހުށަހަޅައިފަ އެވެ.

އޭގެތެރޭގައި ހިމެނެނީ ސީޒަން ނިންމާފައި ހަތަރު ހަފްތާގެ ޗުއްޓީ އަކާއި ސީޒަނުގެ ތެރެއިން ދެ ހަފްތާގެ ޗުއްޓީއެއް ލާޒިމުކުރުމަށާއި ފަސް ދުވަހުގެ ތެރޭގައި ދެ މެޗު ކުޅެން ޖެހުން މަދުކުރުމަށެވެ. ޓީމެއްގެ ސްކޮޑު ބޮޑުކުރުމަށާއި ކޮންމެ ކުޅުންތެރިއަކަށް ސީޒަނެއްގައި މެޗު ކުޅެވޭނެ އަދަދު ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި އޮތުމެވެ. މި ގޮތުން ކުޅުންތެރިންނަށް މެޗު ކުޅެވޭނެ އަދަދެއް ކަނޑައަޅާއިރު ދިގު ރާސްތާއެއް ދަތުރުކުރަންޖެހޭ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ފިފްޕްރޯ އިން ބުނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާ އަހަރާ ދިމާކޮށް 14 ދުވަހުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހުމަކީ ޒަމާނުއްސުރެ ކޯޗުން އެންމެ ކަންބޮޑުވާ މައްސަލަ އެވެ. މަޝްހޫރު ކޯޗުން ކަމަށްވާ ހޯސޭ މޮރީނިއޯ، ކާލޯ އަންޗެލޮޓީ، ޕެޕް ގާޑިއޯލާ އަދި ޔާގެން ކްލޮޕް ވެސް ވަނީ މިއީ އެއްވެސް ގޮތަކުން ބަލާއިރު ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެ މައްސަލަތަކަށް ހައްލެއް ދިނުމުގެ ގޮތުން ޕްރިމިއާ ލީގުން ވަނީ މި ސީޒަނުގައި ފެބްރުއަރީ މަހު ޓީމުތަކަށް ބަހާލައިގެން އެއް ހަފްތާގެ ބްރޭކެއް ދިނުމަށް ނިންމައިފަ އެވެ.