މެސީ އަށް ތިން މަހުގެ ސަސްޕެންޝަނެއް!

އަސުންސިއޮން، ޕެރަގުއޭ (އޮގަސްޓް 3) - ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ބާއްވާ ބްރެޒިލަށް އެ މުބާރާތް ކާމިޔާބުކޮށްދޭން މުބާރާތުގެ ކުރިން ވެސް ބޭނުންވި ކަމަށް ބުނެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ތިން މަހަށް ގައުމީ ޓީމުގެ މެޗުތަކުން ސަސްޕެންޑްކޮށް ޖޫރިމަނާކުރަން ކޮންމެބޯލުން ނިންމައިފި އެވެ.


އުމުރުން 32 އަހަރުގެ މެސީ ތިން މަހަށް ސަސްޕެންޑް ކުރުމުން އޭނާ އަށް ގެއްލޭނެ މެޗުތަކަކީ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހުގައި ކުޅެން ހަމަޖެހިފައި އޮތް އެކުވެރިކަމުގެ ތިން މެޗެވެ. އެ މެޗުތަކުގައި އާޖެންޓީނާ ބައްދަލުކުރާނީ ޗިލީ، މެކްސިކޯ އަދި ޖަރުމަނާ އެވެ. މެސީ ޖޫރިމަނާކޮށްފައިވަނީ 50،000 ޑޮލަރުންނެވެ.

މިއީ ކޮޕަ އެމެރިކާގައި ހިނގާދިޔަ ކަމެއްގެ ސަބަބުން މެސީ އަށް ލިބުނު ދެ ވަނަ އަދަބެވެ. ކޮޕަ އެމެރިކާގެ އިންތިޒާމްތަކަށް ފާޑުކިޔައި ތިން ވަނަ ހޮވާ މެޗުގައި މެސީ އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ ވަނީ 1500 ޑޮލަރުން ޖޫރިމަނާކޮށް އެއް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

މެސީ ވަނީ ކޮންމެބޯލުގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް މައާފަށް އެދިފަ އެވެ. އެކަމަކު މެސީ ދެއްކި ވާހަކައިގެ ސަބަބުން ކޮންމެބޯލާ މެދު މީހުން ދެކޭ ގޮތް ބަދަލުވެފައިވާތީ މައްސަލަ ކުރިއަށްގެންދިޔައީ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ބާސެލޯނާގައި ހޯދާ ފަދަ ކާމިޔާބެއް އާޖެންޓީނާ އެކު ހާސިލްނުކުރެވޭތީ އެވެ. ޖެހިޖެހިގެން ދެ ކޮޕަ އެމެރިކާ ފައިނަލުން މީގެ ކުރިން އާޖެންޓީނާ ބަލިވިއިރު، މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި މެސީ ވަނީ އަލުން ގައުމީ ޓީމާ ގުޅިފަ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން އާޖެންޓީނާ ކެޓުމުން މެސީ ވަނީ ގައުމީ ޓީމުން ބްރޭކެއް ނަގައިފަ އެވެ. އަލުން ގައުމީ ޓީމާ ގުޅުނީ މި ފަހަރުގެ ކޮޕަ އެމެރިކާ ފެށެން ގާތްވެފައިވަނިކޮށެވެ.

ދާދިފަހުން މެސީ ބުނީ އާޖެންޓީނާގައި މިހާރު އޮތް ޒުވާން ޓީމާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށާއި އެ ޓީމުގައި ކާމިޔާބު ހޯދޭނެ ފެންވަރު ހުރިކަމަށެވެ. އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ކޮޕަ އެމެރިކާ އޮތްއިރު، އެ މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވާންޖެހޭ ކަމަށް މެސީ ބުންޏެވެ.