ބޮޑު މޮޅަކާ އެކު ބާސެލޯނާ އެއް ވަނަ އަށް

މެޑްރިޑް (ސެޕްޓެމްބަރު 18) - އަލަށް ޕްރޮމޯޓްވި ލެގަނޭސް އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ބާސެލޯނާ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


ބާސެލޯނާ ލީގުގެ އެއް ވަނަ އަށް ޖެހިލީ ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. މިރޭ ރަށުން ބޭރުގައި އެސްޕަންޔޯލާ ދެކޮޅަށް ރެއާލް ކުޅޭ މެޗުން އެ ޓީމު މަދުވެގެން ޕޮއިންޓެއް ހޯދިނަމަވެސް އެ ޓީމަށް އަލުން އެއް ވަނަ ލިބޭނެ އެވެ.

މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި އަލަވޭސް އަތުން 2-1 އިން ބަލިވެފައިވުމުން ބާސެލޯނާ ރޭގެ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުން މަޖުބޫރު ކަމަށް ދެކިގެންނެވެ. ބާސެލޯނާ އިން ވަނީ ފުރަތަމަ ހާފްގައި ލެގަނޭސް ކޮޅަށް ތިން ލަނޑު ޖަހައިފަ އެވެ. މި ތިން ލަނޑު ކާމިޔާބުކުރީ ލިއޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް އެވެ.

ދެ ވަނަ ހާފްގައި ބާސެލޯނާގެ އަނެއް ދެ ލަނޑު ޖެހީ މެސީ އާއި ރަފީނިއާ އެވެ. މެސީ އޭނާގެ ދެ ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.

މެޗާ ބެހޭގޮތުން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިދިޔަ ހަފްތާގެ ނަތީޖާ ހަނދާން ނައްތާލުމަށް މި މެޗުން މި ހޯދުނީ ބޮޑު މޮޅެއް ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ބާސެލޯނާގެ ކުޅުން މިއަށްވުރެން ރަނގަޅު ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ 5-0 އިން ސްޕޯޓިން ގިޔޯން ބަލިކޮށްފަ އެވެ. އަދި ސެވިއްޔާ ވަނީ 1-1 އިން އެއިބާއާ އެއްވަރުވެފަ އެވެ.