އަގުބޮޑުވުމަކީ ޕްރެޝަރެއް ކަމަށް ނުދެކެން: މެގުއާ

މެންޗެސްޓާ (އޮގަސްޓް 6) - ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 97 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ނަމަވެސް އޭނާ އަށް އެ އަގުގެ ސަބަބުން މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށް އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.


އުމުރުން 26 އަހަރުގެ މެގުއާ ވަނީ ޔުނައިޓެޑާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އޭނާ މަޑުކުރެވޭނެ އެވެ.

މީގެ ކުރިން ދުނިޔޭގެ އަގުބޮޑު ޑިފެންޑަރަކީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އެވެ. ލިވަޕޫލުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެން ޑައިކްގެ ސޮއި ހޯދަން ސައުތެމްޓަނަށް 94 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

މެގުއާ ބުނީ ވިސްނަނީ ޔުނައިޓެޑުން އޭނާ ގެންނަން ދެއްކި އަގަށް ނޫން ކަމަށާއި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ތަފާތު ދެއްކުމަށް ކަމަށެވެ.

"ޔުނައިޓެޑް ކަހަލަ ޓީމަކަށް ބަދަލުވާން ފުރުސަތު ލިބުމުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއީ ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަން. ހަގީގަތުގައި އަހަންނަށް މި ޓްރާންސްފާގެ އަގަކީ ޕްރެޝަރެއް ނޫން. ބޭނުމީ ޔުނައިޓެޑުން ކުރި އިތުބާރުގެ ބަދަލުދޭން،" މެގުއާ ބުންޏެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން ވެސް ޔުނައިޓެޑުން ވަނީ މެގުއާ ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭރު ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ އެދުނު ނަމަވެސް ޔުނައިޓެޑުން މެގުއާ ނުގަތީ އަގުބޮޑުވުމުންނެވެ. އޭރު ލެސްޓާ އިން މެގުއާ ވިއްކާލަން ކީ އަގަކީ 85 މިލިއަން ޑޮލަަރަށެވެ. އެކަމަކު މި ފަހަރު ޔުނައިޓެޑުން މެގުއާގެ ސޮއި ހޯދަން ދައްކަން ޖެހުނު ފީ ކުރިއަށް ވުރެ ބޮޑެވެ.

މެގުއާ ބުނީ ޔުނައިޓެޑަށް އަންނަން ބޭނުންވި އަނެއް ސަބަބަކީ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ޕްލޭން ރަނގަޅުވުމެވެ. ސޯލްޝެއާ ވެސް ވަނީ މެގުއާ އަށް ތައުރީފުކޮށް ވާހަަކަ ދައްކައިފަ އެވެ.

"މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ޑިފެންޑަރު ޓީމާ ގުޅުމަކީ ލިބިގެންދާނެ ފަސޭހައެއް. މި ޓީމުގައި މެގުއާ އަށް ބޭނުންވާ ކަންތައް ހާސިލުކުރެވޭނެ،" ސޯލްޝެއާ ބުންޏެވެ.

ޝެފީލްޑް ޔުނައިޓެޑުން 2011 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި މެގުއާ ވަނީ 2014 ވަނަ އަހަރު ހަލް ސިޓީ އަށް ބަދަލުވެފަ އެވެ. ލެސްޓާ އިން އޭނާގެ ސޮއި ހޯދީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ލެސްޓާ އިން ވަނީ 20 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދައްކައިފަ އެވެ.

މެންޗެސްޓާ ސިޓީން ވެސް ވަނީ މެގުއާ ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާގެ އަގުބޮޑުވުމުން ރޭހުން ބޭރުވީ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ސްވަންސީ ސިޓީގެ ޑެނިއަލް ޖޭމްސް އާއި ކްރިސްޓަލް ޕެލަސްގެ އާރޮން ވަން ބިސާކާ ގެނެސްފަ އެވެ. ޔުނައިޓެޑުން އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ބަދަލުކުރަން ކުރި މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އެއީ ޑިބާލާ ޑިމާންޑުކުރި ކަންތައްތަކަށް ޔުނައިޓެޑުން އެއްބަސްނުވުމުންނެވެ. ލުކާކޫ ހޯދުމުގެ ރޭހުގައި އިންޓަ މިލާނުން އަދި ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.