ދެ ޒިންމާއަކާ ހަވާލުވެ، ރޫނީ ޑާބީ އަށް ބަދަލުވަނީ

ލަންޑަން (އޮގަސްޓް 7) - އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ޕްލޭޔާ-ކޯޗެއްގެ ގޮތުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކްލަބް ޑާބީ ކައުންޓީ އަށް އަންނަ ޖެނުއަރީ މަހު ބަދަލުވާ ގޮތަށް ޕްރީ ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.


މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށް ކުރިން ކުޅުނު އުމުރުން 33 އަހަރުގެ ރޫނީ ވަނީ ޑާބީއާ އެކު 18 މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިދިޔަ އަހަރު އެމެރިކާ ލީގުގެ ޑީސީ ޔުނައިޓެޑަށް ސޮއިކުރި ރޫނީ، އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. އެމެރިކާ ލީގުގައި ކުޅުނު 41 މެޗުން ރޫނީ ވަނީ 23 ގޯލު ޖަހައިފަ އެވެ.

ދާދި ފަހުން ރޫނީ އެނބުރި އިންގްލެންޑަށް ބަދަލުވާން އުޅޭ ވާހަކަ މީޑިއާގައި ދެކެވެން ފެށީ އޭނާގެ އާއިލާ އެމެރިކާގައި ދިރިއުޅެން ބޭނުންނުވާ ކަމަށް ބުނެ އެވެ. ރޫނީ ބުނީ ޑާބީ އަށް ބަދަލުވާން ނިންމީ އާއިލާއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"އިންގްލެންޑަށް އެނބުރި އަންނަން ނިންމި ނިންމުމަކީ ވަރަށް އުނދަގުލުން ކުރެވުނު ކަމެއް. އެއީ ޑީސީގައި ކަންތައްތައް ދިޔައީ ރަނގަޅަށް. އެކަމަކު އަހަރެންގެ އާއިލާ މީހުންނާ ގާތުގައި ހުރުމަކީ ވެސް ދިރިއުޅުމުގައި މުހިއްމު ކަމެއް. އެއީ މި ނިންމުމުގެ އެއް ސަބަބު،" ރޫނީ ބުންޏެވެ.

ރޫނީ (ކ) ޑާބީގެ ކޯޗު ކޮކޫއާ ސަލާމްކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިދިޔަ ސީޒަނުގައި ފްރޭންކް ލަމްޕާޑް ކޯޗުކޮށްދިން ޑާބީ ކައުންޓީ މި ފަހަރުގެ ސީޒަނާ ކުރިމަތިލީ ނެދަލެންޑްސްގެ ލެޖެންޑް ފިލިޕް ކޮކޫގެ އިރުޝާދުގެ ދަަށުންނެވެ. އަންނަ ޖެނުއަރީ މަހު ރޫނީ އެ ޓީމާ ގުޅޭނީ އެކެޑަމީ ކޯޗުގެ ރޯލަކާ އެކު އެވެ. އަދި ކޮކޫގެ ކޯޗިން ސްޓާފެއްގެ ގޮތުގައި ވެސް މަސައްކަތްކުރާނެ އެވެ.

"ކޮކޫއާ އެކު މަސައްކަތްކޮށްލުން ތަފާތު ތަޖުރިބާ އަކަށްވާނެ. އަހަރެން މިހުރީ ކޯޗިން ކެރިއަރު ފަށަން ކެތްމަދުވެފައި. މިއީ ކެރިއަރުގައި ފެށޭނެ އާ ޗެޕްޓަރެއް،" ރޫނީ ބުންޏެވެ.

އެވަޓަން އިން 2002 ވަނަ އަހަރު ކެރިއަރު ފެށި ރޫނީ އެންމެ ބޮޑަށް ފާހަގަވީ 2004 އިން 2017 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. އެ ޓީމަށް 559 މެޗުން 253 ގޯލް ޖަހައިދީ ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. ޑީސީ އަށް ބަދަލުވުމުގެ ކުރިން ރޫނީ ވަނީ ކުރީގެ ކްލަބް އެވަޓަން އަށް ވެސް ކުޅެފަ އެވެ.

މިދިޔަ ފަހުން މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ވެސް ވަނީ ކުޅުންތެރިޔެއްގެ އިތުރުން ކޯޗެއްގެ ރޯލާ އެކު އޭނާގެ ކުރީގެ ޓީމު ބެލްޖިއަމްގެ އެންޑަލެކްޓާ ހަވާލުވެފަ އެވެ.