ޖަރުމަން އެފްއޭގެ ކުރީގެ އޮފިޝަލުންނަށް ދައުވާކުރަނީ

ލުސޭން، ސްވިޒަލެންޑް (އޮގަސްޓް 7) - ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަރުމަނު އެފްއޭގައި ކުރިން މަސައްކަތްކުރި ތިން އޮފިޝަލުންނަށް ދައުވާކުރަން ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ނިންމައިފި އެވެ.


ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2006ގެ ވޯލްޑް ކަޕްގެ ހިންގާ ކޮމިޓީގެ ބައެއް އޮފިޝަލުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާތީ އެ މައްސަލައިގެ ތަހުގީގުތަކެއް ކުރެވި އެކަމުގައި ހިމެނޭ ބައެއް އޮފިޝަލުންނާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް އޮގަނައިޒިން ކޮމިޓީގެ މައްޗަށް ކުރާ ތުހުމަތަކީ ގޮތް ނޭނގޭ ގޮތަކަށް ބޭނުންކޮށްފައިވާ 7.5 މިލިއަން ޑޮލަރުގެ މައްސަލައެކެވެ. ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ފައިސާ ބޭނުންކުރީ ޖަރުމަނުގެ މަޝްހޫރު ކުންފުނި އެޑިޑާސް މެދުވެރިކޮށް ވޯލްޑް ކަޕް ބާއްވަން ޖަރުމަނުން ކުރި މަސައްކަތުގައި ބިޑް ކާމިޔާބުކުރަން ވޯޓު ގަންނާށެވެ.

މި މައްސަލައިގައި ސްވިޒަލެންޑް ޕްރޮސެކިއުޓަރުން ދައުވާކުރަން ފޮނުވި އޮފިޝަލުންނަކީ ޖަރުމަނު އެފްއޭގެ ކުރީގެ ރައީސް ތިއޯ ޒްވަޒިންގާ، ކުރީގެ ޖެނެރަލް ސެކްރެޓަރީ ހޯސް ޝްމިޑްޓް އަދި 2006 ވަނަ އަހަރުގެ ބިޑް ކޮމިޓީގައި މަސައްކަތްކުރި ވުލްފްގޭން ނިއޭސްބަކް އެވެ. އޭގެ އިތުރުން ފީފާގެ ޖެނެރަލް ސެކްރެޓަރީ އެއްގެ ގޮތުގައި 1999 އިން 2007 އަށް ހުންނެވި ޔުއާޒް ލިންސީއާ ދެކޮޅަށް ވެސް ދައުވާކުރަން ވަނީ ނިންމައިފަ އެވެ.

މި މައްސަލައިގައި މި ހުރިހާ އޮފިޝަލުން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އަދި މި މައްސަލަ އަލުން ފެންމަތި ކޮށްގެން އުޅެނީ މީގެ ތެރެއިން ބަޔަކު އަމިއްލަ މަންފާއެއް ހާސިލްކުރުމަށް ކަމަށް އެ ފަރާތްތަކުން ބުނެފައިވެ އެވެ.

މީގެ އިތުރުން ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް ފްރާންޒް ބެކެންބާއުގެ މައްސަލައެއް ވެސް އަންނަނީ ތަހުގީގު ކުރަމުންނެެވެ. ބެކެންބާއުގެ މައްޗަށް ވެސް ކުރަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރަން ރިޝްވަތު ދިން މައްސަލައެކެވެ. މި މައްސަލަ މި ވަގުތަށް ހުއްޓިފައި އޮތީ އުމުރުން 73 އަހަރުގެ ބެކެންބާއުގެ ސިއްހީ ހާލަތު ހުރި ގޮތުންނެވެ.