ލަލީގާ ފަށާ ދުވަހެއް އެނގޭނީ ކޯޓުން ހުކުމް ކުރުމުން

މެޑްރިޑް (އޮގަސްޓް 8) - ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ނެޝަނަލް ޕްރޮފެޝަނަލް ލީގު (އެލްއެފްޕީ)އާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަަބަބުން ސްޕެނިޝް ލަލީގާ ފަށާ ރަސްމީ ތާރީހެއް ކަނޑައަޅަން ނިންމާފައިވަނީ ކޯޓުން ހުކުމެއް ކުރުމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ލަލީގާ އިންތިޒާމުކުރަނީ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިފައިވާ ވަކި ބައެއް ކަމަށްވާ ނެޝަނަލް ޕްރޮފެޝަނަލް ލީގު (އެލްއެފްޕީ) އިންނެވެ. ފެޑެރޭޝަނާއި އެލްއެފްޕީގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނީ ހުކުރު ދުވަހާއި ހޯމަ ދުވަހުގެރޭ ފުޓްބޯޅަ މެޗުތައް ބާއްވަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދެކޮޅު ހަދައި އެކަން މަނާކުރުމުންނެވެ.

އެ މައްސަލައިގައި ގޮތެއް ނުނިމި އެންމެ ފަހުން ކޯޓަށް ދާން ޖެހުނުއިރު، އިއްޔެ މެޑްރިޑްގެ ކޯޓެއްގައި ބޭއްވި ހަތަރު ގަޑިއިރުގެ އަޑުއެހުމަށް ފަހު ވެސް ވަނީ ގޮތެއް ނުނިމިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ކަމުގައި ކޯޓުން ގޮތެއް ނިންމުމުގެ ފުރުސަތު އެންމެ ބޮޑީ އަންނަ ހޯމަ ދުވަހު އެވެ. އެކަމަކު އޭރު ގޮތެއް ނިންމައިފިނަމަ އެއީ ލީގުގައި ވާދަކުރާ ޓީމުތަކަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ. އެއީ ލަލީގާ ފަށަން ތާވަލުކޮށްފައި މިހާރު އޮތީ އަންނަ ހަފްތާގެ ހުކުރު ދުވަހު ކަމަށްވާތީ އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއާލެސް ވިދާޅުވީ ހުކުރު ދުވަހާއި ހޯމަ ދުވަހު ލަލީގާގެ މެޗުތައް ކުޅެވޭނީ ފެޑެރޭޝަނުން އެ ފުރުސަތު ދީފިނަމަ އެވެ. ފެޑެރޭޝަނުން ހުކުރާއި ހޯމަ ދުވަހު މެޗުތައް ނުކުޅެން ބާރު އަޅަނީ އެ ދެ ދުވަހު ކުޅޭ މެޗުތަކަކީ ސްޕެއިނުގެ ކަންތައްތައް ހުންނަ ގޮތުން ސަޕޯޓަރުންނަށް މެޗު ބަލަން ނުދެވޭ ދުވަސްތަކެއް ކަމަށްވާތީ އެވެ. ފެޑެރޭޝަނުން އެންމެ ބޮޑަށް ބާރު އަޅަނީ ހުކުރާއި ހޮނިހިރު ދުވަހު ލީގު މެޗުތައް ކުޅެން ރޭވުމަށެވެ.

މިހާރު އޮތް ގޮތުން ލަލީގާގެ ފުރަތަމަ މެޗުގައި މި މަހު 16 ވަނަ ދުވަހު ބާސެލޯނާ ބައްދަލުކުރާނީ އެތުލެޓިކް ބިލްބާއޯއާ އެވެ.

މީގެ ކުރިން ހުކުރާއި ހޯމަ ދުވަހު މެޗުތައް ރާވަން އެލްއެފްޕީ އަށް ދީފައިވާ ހުއްދަ މިދިޔަ ޖޫން މަހު ވަނީ ހަމަވެފަ އެވެ. ފެޑެރޭޝަނުން ބުނީ އެއެފްޕީން ލަލީގާގެ އާ ޝެޑިއުލް ނެރުނީ އެއްވެސް ވަރަކަށް މަޝްވަރާކުރުމަށް ފަހު ނޫން ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެލްއެފްޕީން ބުނީ ހުކުރާއި ހޯމަ ދުވަހު މެޗުތައް ބާއްވަން ޖެހެނީ އެހެން ލީގުތަކުގެ މެޗުތައް އެ ދެ ދުވަހުގައި މަދުވުމުން ޓީވީ ރައިޓްސް ވިއްކައިގެން ލަލީގާ ކްލަބްތަކަށް ލިބޭ އާމްދަނީ ގިނަ ކުރުމަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް ވިއްކާލާފައިވާ ކޮންޓްރެކްޓްތައް ހުރިގޮތުން ލަލީގާ އަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ސްޕެނިޝް ލީގު މެޗުތައް ޓީވީ މެދުވެރިކޮށް ދެއްކުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެހެންވެ އެލްއެފްޕީން ވަނީ މިދިޔަ އަހަރު ފޭސްބުކް މެދުވެރިކޮށް އޭޝިއާގެ އެކި ހިސާބުތަކަށް ލަލީގާގެ މެޗުތައް ދައްކަން ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޕެއިނުގެ ފެޑެރޭޝަނާއި އެލްއެފްޕީން މިހާރު މަޑުކޮށްގެން ތިބީ ކޯޓުން މި ކަމުގައި ނިންމާ ނިންމުމަކަށެވެ