ފުޓްބޯޅަ ތަރި ސަލާހުގެ ފަރާތުން މިސްރަށް ގިނަ އެހީތަކެއް

ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށްޓަކައި އެ ގައުމުގެ ރައްޔިތުން ފަހުރުވެރިވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ބަޔެއްގެ ލޮލަށް އެންމެ ބޮޑަށް ފެންނަ ކަމަކީ ފުޓްބޯޅަ މެޗުތަކުގައި އޭނާ ދައްކާ ތަފާތެވެ. އެކަމަކު ދަނޑުން ބޭރުގައި މިސްރުގެ އެކި ކަންކަމަށް ސަލާހު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ދާދި ފަހުން މިސްރުގެ ގާހިރާގައި ހިނގާދިޔަ ބޮން ގޮއްވުމުގެ ހާދިސާއެއްގައި އެ ތަނުގައި ހުރި ނެޝަނަލް ކެންސާ އިންސްޓިއުޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެ ހާދިސާގައި 19 މީހުން މަރުވިއިރު 30 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާގައި ކެންސަރު އިންސްޓިއުޓްގެ އެއްވެސް ސްޓާފަކަށާއި އެތަނުގައި ހުރި ބަލި މީހަކަށް ގެއްލުމެއްވެފައި ނުވި ނަމަވެސް އެ ތަނުގެ ހާލަތު މިހާރު ހުރީ ބޭނުންކުރެވޭ ވަރަށް ވުރެ ހަލާކުވެފަ އެވެ. ސަލާހު ވަނީ އަލުން ކެންސަރު އިންސްޓިޓިއުޓް އަޅަން ތިން މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

ހަތާވީސް އަހަރަށް ފަހު މިސްރަށް މިދިޔަ އަހަރު ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕުން ޖާގަހޯދައިދިނުމުގައި ސަލާހުގެ ދައުރު ބޮޑެވެ. އެ ފަހަރު މިސްރުގެ މަހުޖަނު މަމްދޫހު އައްބާސް ވަނީ ސަލާހު ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާ އަށް ލަގްޒަރީ ވިލާއެއް ހަދިޔާ ކޮށްފަ އެވެ. އެހެން ނަމަވެސް ސަލާހު ވަނީ އެ އެގުބޮޑު ހަދިޔާ ގަބޫލުކުރަން ދެކޮޅު ހަދައި އެ ލަގްޒަރީ ވިލާގެ އަގަށްވާ ފައިސާ އޭނާގެ އުފަން ސަރަހައްދު ކަމަށްވާ މިސްރުގެ ނަގްރީ ވިލޭޖުގެ މީހުންނަށް ހަދިޔާ ކުރުމަށް އަންގައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ ލަގްޒަރީ ވިލާގެ އަގަށްވާ ފައިސާ ކަމަށްވާ 2.8 މިލިއަން ޑޮލަރު ވަނީ ނަގްރީ ވިލޭޖުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް ހަވާލުކޮށްފަ އެވެ.

ސަލާހު ވަނީ ކޮންމެ ސީޒަނެއްގައި ވެސް ވަކި އަދަދެއްގެ ފައިސާ މިސްރުގެ އެކި ފަރާތްތަކަށް ހަރަދުކުރަން ނިންމައިފަ އެވެ. އެ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު މިސްރުގެ ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް އޮންނަ ވެޓެރަންސް އެސޯސިއޭޝަނަށާއި ކެންސަރުޖެހިފައިވާ ކުޑަކުދިންނަށް ފަރުވާދޭ ކްލިނިކްތަކަށް ފައިސާ ދެ އެވެ.