ޔުނައިޓެޑް ދޫކޮށް ލުކާކޫ އިންޓަ އަށް ސޮއިކޮށްފި

މިލާން (އޮގަސްޓް 9) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އިޓަލީގެ އިންޓަ މިލާނަށް ސޮއިކޮށްފި އެވެ.


އިންޓަ އިން އުމުރުން 26 އަހަރުގެ ލުކާކޫގެ ސޮއި ހޯދީ އިޓާލިއަން ލީގަށް ބަދަލުވި ތިން ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ލުކާކޫ އަށް ވުރެ އަގުބޮޑުކޮށް އިޓާލިއަން ލީގުގައި އޮތް ދެ ޓްރާންސްފާ އަކީ 120 މިލިއަން ޑޮލަރަށް މިދިޔަ އަހަރު ޔުވެންޓަސް އިން ގަތް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހަމަ އެ ޓީމުން މީގެ ކުރިން 91.5 މިލިއަން ޑޮލަރަށް ގަތް އޭރު ނަޕޯލީގެ ފޯވާޑް ގޮންޒާލޯ ހިގައިން އެވެ.

މީގެ ދެ އަހަރު ކުރިން ލުކާކޫ، ޔުނައިޓެޑަށް ބަދަލުވީ 93 މިލިއަން ޑޮލަރަށެވެ. ޔުނައިޓެޑުން ލުކާކޫ ވިއްކާލާފައި މިވަނީ ގަތް އަގަށް ވުރެ ހަތަރު މިލިއަން ޑޮލަރު އަގު ހެޔޮ ކޮށެވެ. ލޫކާކޫ އޭރު ޔުނައިޓެޑަށް ބަދަލުވީ އެ ޓީމުގައި އޭރު ހުރި ކޯޗު ހޯސޭ މޮރީނިއޯގެ އެދުމަށެވެ. އެ ފަހަރު ޗެލްސީން ލުކާކޫ ހޯދަން މަސައްކަތްކުރިއިރު އެ ޓީމުގެ ކޯޗަކަށް ހުރީ މިހާރު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ.

އަނިޔާގެ ސަބަބުން މި ފަހަރުގެ ޕްރީ ސީޒަނުގައި ޔުނައިޓެޑުން ކުޅުނު މެޗުތަކުގައި ލުކާކޫ ނުކުޅެ އެވެ. އޭނާ ވަނީ ދާދި ފަހުން އަނިޔާއިން ރަނގަޅުވާން ބެލްޖިއަމްގެ ކްލަބް އެންޑަލެކްޓްގެ ޖޯޒީގައި އެ ޓީމާ އެކު ޕްރެކްޓިސްކޮށްފަ އެވެ.

އިންޓަ އިން އެންމެ ފުރަތަމަ ލުކާކޫ ގަންނަން ހުށަހެޅީ 67 މިލިއަން ޑޮލަރެވެ. އެ އަގަށް ލުކާކޫ ވިއްކާލަން ޔުނައިޓެޑުން ދެކޮޅު ހަދާފައިވަނިކޮށް ފަހުން ޔުވެންޓަސް އިން ވެސް ލުކާކޫ ހޯދަން މަސައްކަތްކުރި އެވެ. އެކަމަކު ލުކާކޫ އާއި ޔުވެންޓަސްގެ މިޑްފީލްޑަރު ޕައޮލޯ ޑިބާލާ ބަދަލުކުރަން ކުރި މަޝްވަރާތައް ހުއްޓާލަން ޖެހުމާ އެކު އިންޓަ އިން ލުކާކޫ ހޯދުމުގައި ކުރިހޯދީ އެވެ.

"އަހަރެން މި ހުރީ އަހަރެން އެންމެ ބޭނުންވި ކްލަބްގައި. ބޭނުންވަނީ އަލުން އެއް ވަނަ އަށް ގެންގޮސްދޭން،" އިންޓަގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ބުންޏެވެ.

ޒުވާން އުމުރުގައި އެންޑަލެކްޓުން ވިދާލި ލުކާކޫ އެންމެ ފުރަތަަމަ ބަދަލުވި އިނގިރޭސި ޓީމަކީ ޗެލްސީ އެވެ. އެ ޓީމުގައި ހުރެ ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމް އާއި އެވަޓަން އަށް ކުޅުމަށް ފަހު ފަހުން އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ދާއިމީކުރި އެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ.

އިނގިރޭސި ކްލަބްތަކަށް ރޭ ޓްރާންސްފާ މާކެޓް ބަންދުވިއިރު، ޔުނައިޓެޑަށް ލުކާކޫގެ ބަދަލުގައި ކުޅުންތެރިޔަކު ނުހޯދުނެވެ. އާސެނަލުން ސެލްޓިކްގެ ފުލްބެކް ކިއެރަން ޓިއާނީ އާއި ޗެލްސީގެ ޑޭވިޑް ލުއިޒްގެ ސޮއި ހޯދާފައިވާއިރު، ޓޮޓެންހަމް ވަނީ ފުލަމް އަށް ކުޅުނު ރަޔާން ސެސެނިޔޯން އާއި ބެޓިސްގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯގެ ގަނެފަ އެވެ. އެވަޓަން އިން ވަނީ އާސެނަލަށް ކުޅުނު އަލެކްސް އިވޯބީ 40 މިލިއަން ޑޮލަރަށް ހޯދިއިރު، ތަޖުރިބާކާރު ގޯލްކީޕަރު ސްކޮޓް ކާސަން އާއި ޔުވެންޓަސްގެ ފުލްބެކް ޔާއޯ ކަންސެލޯ ވަނީ މެންޗެސްޓާ ސިޓީއާ ގުޅިފަ އެވެ.