ޕްރިމިއާ ލީގުގެ ޓީމު ތަކުގެ ހަރަދު 1.7 ބިލިއަން ޑޮލަރަށް

ލަންޑަން (އޮގަސްޓް 9) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ރޭ ޓްރާންސްފާ މާކެޓް ބަންދުވެފައިވާއިރު މި ފަހަރު ލީގުގައި ވާދަކުރާ 20 ކްލަބުން ކުރި ހަރަދު 1.7 ބިލިއަން ޑޮލަރަށް އަރައިފި އެވެ.


މިއީ މީގެ ދެ އަހަރު ކުރިން ޕްރިމިއާ ލީގުގެ ކްލަބްތަކުން 2017 ވަނަ އަހަރު ހޭދަކުރި ރެކޯޑް އަދަދަށް ވުރެ މަދު އަދަދެކެވެ. އެ ފަހަރު ކްލަބްތަކުން ކުރި ހަރަދު އުޅެނީ 1.736 ބިލިއަން ޑޮލަރުގަ އެވެ. މި ފަހަރު ޓީމުތަކުން ކުރި ހަރަދު އެރީ 1.711 ބިލިއަން ޑޮލަރަށެވެ.

އިނގިރޭސި ޓީމުތަކުން އިއްޔެގެ ޓްރާންސްފާގެ ފަހު ދުވަހުގައި ކުރި ހަރަދު އުޅެނީ 206 މިލިއަން ޑޮލަރުގަ އެވެ. މިއީ 17 ޓްރާންސްފާ އަށް ކްލަބްތަކުން ކުރި ހަރަދެވެ. މިއީ 2009 ވަނަ އަހަރަށް ފަހު ޓްރާންސްފާގެ ފަހު ދުވަހުގައި މިހާ މަދުން ކުޅުންތެރިން ބަދަލުވި ފަހަރެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޖުމްލަ ހިނގީ 101 ޓްރާންސްފާ އެވެ. މިއީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ އަށް ވުރެ އަށް ޓްރާންސްފާ މަދު އަދަދެކެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ކްލަބަކުން ގަތް އެންމެ ބޮޑު ކުޅުންތެރިޔަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލެސްޓާ ސިޓީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އެވެ. ޔުނައިޓެޑުން މެގުއާ ގަތީ 97 މިލިއަން ޑޮލަރަށެވެ. މި ފަހަރު ކުރި ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އަކީ އާސެނަލުން އެ ކްލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ގަތް ލިލްގެ ނިކޮލަސް ޕެޕޭ އެވެ. އާސެނަލުން އޭނާ އަށް 88 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

އެންމެ ބޮޑު ހޭދައެއް މި ފަހަރު ކުރި ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް އެވެ. އެ ޓީމުން ކުރި ހަރަދު 176 މިލިއަން ޑޮލަރަށް އަރަ އެވެ. ދެ ވަނަ އަށް ދިޔައީ އާސެނަލް އެވެ. ދަށް ޓްރާންސްފާ ބަޖެޓަކާ އެކު ނުކުތް ނަމަވެސް ފަހުން ވިސްނުން ބަދަލުކޮށް އާސެނަލުން ވަނީ މި ފަހަރު މުޅި ޖުމްލަ އެކު 167 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޕޭމަންޓްތައް ދޭން ހަމަޖެހިފައިވަނީ ބަހާލައިގެންނެވެ. މި ފަހަރު ލީގަށް އަލުން އައި އެސްޓަން ވިލާ އިން ވަނީ 151 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިދިޔަ ސީޒަނުގައި އެ ވަރަށް ހޭދަކުރި ފުލަމް ވަނީ އެއް ސީޒަނުގެ ތެރޭގައި ޕްރިމިއާ ލީގުން ރެލިގޭޓްވެފަ އެވެ.

އެންމެ މަދުން ހަރަދުކުރީ އަލަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އެވެ. އެ ޓީމުން ހަރަދުކުރީ ދެ މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ލީގުގެ ދެ ވަނަ އަށް ދިޔަ ލިވަޕޫލުން ވެސް ކުރީ 3.2 މިލިއަން ޑޮލަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސްޕެނިޝް ލީގުން ކުޅުންތެރިން ގެންނަން ކުރި ހަރަދު މި ފަހަރު ޕްރިމިއާ ލީގުގައި ކުރި ހަރަދަށް ވުރެ އިތުރުވާނެ އެވެ. އަންނަ މަހު ދެ ވަނަ ދުވަހު ސްޕެއިނުގެ ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު، މިހާތަނަށް ވެސް ސްޕެއިނުގެ ގަދަ ފަސް ކްލަބުން ކުރި ހަރަދު އުޅެނީ 1.335 ބިލިއަން ޑޮލަރުގަ އެވެ.