ލިވަޕޫލްގެ ފެންވަރު މަތިކުރަން ބޭނުން: ކްލޮޕް

ލިވަޕޫލް (އޮގަސްޓް 9) - މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ނުކުންނައިރު ބޭނުންވަނީ ލިވަޕޫލްގެ ފެންވަރު މިދިޔަ ސީޒަނަށް ވުރެ މަތިކުރަން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


މިދިޔަ ސީޒަނު ލީގުގައި އެންމެ މެޗަކުން ބަލިވި ލިވަޕޫލަށް ލިބުނީ ލީގުގެ ދެ ވަނަ އެވެ. ލިވަޕޫލަކީ މިހާތަނަށް ޕްރިމިއާ ލީގެއްގައި 97 ޕޮއިންޓް ހަމަކޮށް ލީގެއް ކާމިޔާބު ނުކުރެވި ނިންމާލަން ޖެހުނު ފުރަތަމަ ޓީމެވެ. އެކަމަކު ލިވަޕޫލަށް މިދިޔަ ސީޒަނުގައި ލިބިގެންދިޔަ ހިތްހަމަ ޖެހުމަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުމެވެ.

ކްލޮޕް ބުނީ ބޭނުންވަނީ ލިވަޕޫލަކީ އެހެން ޓީމަކުން ކުޅެން ޖެހިލުންވާ ފެންވަރުގެ ޓީމަކަށް ހެދުމަށް ކަމަށެވެ.

"ދިރިއުޅުމުގައި އަހަރެން މިއީ ވަރަށް އުއްމީދީ މީހެއް. ބޭނުންވަނީ ލިވަޕޫލްގެ ފެންވަރު މަތިކުރަން. ވިސްނަންޖެހޭ ކަމަކީ މިދިޔަ ސީޒަނަކީ މިހާރު މާޒީ. އަމާޒު ހިފަންވީ ކުރިން އޮތް ލެވެލަށް ވުރެ މައްޗަށް ދާން،" ކްލޮޕް ބުންޏެވެ.

ލިވަޕޫލާއި ނޯވިޗަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ މަދުން ހަރަދުކުރި ދެ ޓީމެވެ. ލިވަޕޫލުން ގެނައީ ތިން ކުޅުންތެރިންނެވެ. އެއީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ނެދަލެންޑްސްގެ ސެޕް ވެން ޑެން ބާގް އާއި އިނގިރޭސި ޒުވާން މިޑްފީލްޑަރު ހާވީ އެލިއަޓް އަދި ވެސްޓް ހޭމް އަށް ކުރިން ކުޅުނު ސްޕެއިންގެ ތަޖުރިބާކާރު ގޯލްކީޕަރު އެޑްރިއަން އެވެ.

ކްލޮޕް ބުނީ ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި މިދިޔަ ދެ އަހަރު ލިވަޕޫލުން ބޮޑު އަގުގައި ކުޅުންތެރިން ގެނައީ ފުރުސަތު ނުދީ އެ ކުޅުންތެރިން ދޫކޮށްލުމަށް ނޫން ކަމަށެވެ.

"މިހާރު އޮތް ޓީމަށް އިތުބާރުކުރަން. އެ މީހުން މިދިޔަ ސީޒަނުގައި ސާބިތުކޮށްދިން އަދި އެއް ސީޒަނުގައި މި ޓީމު އެކުގައި ކުޅުން ހައްގުވާކަން. އެކަމަކު ހާލަތު އަންނަ ގޮތަކުން ކުޅުންތެރިން ގެންނަން ޖެހިދާނެ،" ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 40 މެޗުން ވެސް ބަލިވެފައިނުވާއިރު، ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ޓީމުތަކާ ދެކޮޅަށް ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅުނު 25 މެޗުން ވަނީ މޮޅުވެފަ އެވެ. މިދިޔަ ހަފްތާގައި އިނގިރޭސި ޗެރިޓީ ޝީލްޑް މެޗުން ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިވި މެޗުގައި ނުކުޅެވުނު ސަޑިއޯ މާނޭ އާއި ޖޭމްސް މިލްނާ އަށް މިރޭ ކުޅެވޭނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

ލިވަޕޫލާއި ނޯވިޗް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.