ޕޮގްބާއަށް ހޭދަކުރި އަދަދު ހަނދާން ނައްތާލާ: މޮރީނިއޯ

މެންޗެސްޓާ (ސެޕްޓެމްބަރު 17) - މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއާ މެދު އިތުބާރު އެބައޮތް ކަމަށާއި، އޭނާ ކުރަންވީ ކަމަކީ އޭނާ ގަތް އަގު ހަނދާން ނައްތާލުން ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ޔުވެންޓަސް އިން 105 މިލިއަން ޔޫރޯ އަށް ޔުނައިޓެޑަށް ގަތް ކުޅުންތެރިޔާ އަށް ހަތަރު މެޗުގައި އޭނާގެ އަސްލު ކުޅުން ދެއްކިފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މޮރީނިއޯ ބުނީ ޔުނައިޓެޑަށް ލިބޭ އާމްދަނީއާ ޕޮގްބާގެ އަގާ އަޅާކިޔާއިރު އެއީ ބޮޑު އަގެއް ނޫން ކަމަށާއި އެހެންވެ ޕޮގްބާގެ އަގުގެ ވާހަކަ އަބަދު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.

ކްލަބަށް ލިބުނު އާމްދަނީއާ ބަލާއިރު ޔުނައިޓެޑުން 1962 ވަނަ އަހަރު ޑެނިސް ލޯ އަދި 1981 ވަނަ އަހަރު ބްރަޔަން ރޮބްސަން ގަތް އަގު، ޕޮގްބާގެ އަގަށް ވުރެ ނިސްބަތުން ބޮޑެވެ. އަދި އެ ނިސްބަތުން ބަލާއިރު، ކްރިސްޓަލް ޕެލަސް އިން މި ފަހަރު ކްރިސްޓިއަން ބެންޓެކޭ ގަތް އަގު ކަމަށްވާ 27 މިލިއަން ޕައުންޑް ވެސް، ޔުނައިޓެޑުން ޕޮގްބާ ގަތް އަގަށް ވުރެ ބޮޑެވެ. ޔުނައިޓެޑަށް ވަނީ މި އަހަރު ފައިދާގެ ގޮތުގައި 513 މިލިއަން ޕައުންޑް ހޯދައިފަ އެވެ.

ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް ބުނީ ޓޯނީ ކްރޫޒް ނުވަތަ ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިއެއް ހުރި ނަމަ ޕޮގްބާ އަށް އަސްލު ކުޅުން ދައްކަން ފަސޭހަވާނެ ކަމަށާއި ޔުނައިޓެޑުގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލާއިރު ޕޮގްބާއާ އެކު ކުޅުވަން އެކަށީގެންވަނީ މައިކަލް ކެރިކް ކަމަށެވެ.

އެކަމަކު މޮރީނިއޯ ބުނީ ޕޮގްބާގެ ކުޅުމާ މެދު ޝަކުވާއެއް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

"އަހަރެން ބޭނުންވަނީ އޭނާގެ އަގުގެ މަތިން ހަނދާން ނައްތާލަން،" މޮރީނިއޯ ބުންޏެވެ. "އޭނާ ޔޫރޯ ފައިނަލުގައި ކުޅެފައި ދިޔައީ ޗުއްޓީއަށް. އޭގެ ފަހުން ޕްރީ ސީޒަން ނަހަދައި ކުޅެން ފެށީ. އެހެންވެ ކުޅުން ދަށްވުން އެއީ އާދައިގެ ކަމެއް."

މޮރީނިއޯ ބުނީ ޕޮގްބާ އަކީ އަޒުމް ވަރުގަދަ އަދި ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ވުމުން އޭނާ ފޯމަށް އެޅޭނެ ކަމަށެވެ.