ލިވަޕޫލްގެ އުފާވެރި ފެށުމަށް އެލިސަންގެ އަނިޔާގެ ހިޔަނި

ލިވަޕޫލް (އޮގަސްޓް 10) - އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގެ ފުރަތަމަ މެޗުުން އަލަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން 4-1 އިން މޮޅުވި ލިވަޕޫލްގެ އުފާވެރި ފެށުމަށް އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާގެ އަނިޔާގެ ހިޔަނި އެޅިއްޖެ އެވެ.


މި މެޗުގައި ލިވަޕޫލަށް މައްސަލަ ދިމާވީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ގޯލްކިކެއް ޖަހަން އުޅުމުގެ ތެރޭގައި ވެއްޓުނު ގޮތަކުން އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބަދަލުކުރަން ޖެހުމެވެ. މިދިޔަ ސީޒަނުގެ މޮޅު ކީޕަރުގެ މަގާމު ހޯދި އެލިސަން އަށް ކުޅުން ކުރިއަށް ނުގެންދެވުމުން ބަދަލުގައި ކުޅެން އެރީ ސްޕެއިނުގެ ގޯލްކީޕަރު އެޑްރިއަން އެވެ. އޭނާ މިދިޔަ ހަފްތާ ތެރޭ ލިވަޕޫލާ ގުޅުނީ ލިވަޕޫލަށް ކުޅެމުން އައި ބެލްޖިއަމްގެ ގޯލްކީޕަރު ސިމޮން މިންޔޮލޭ ޓީމު ދޫކޮށްލުމުންނެވެ.

ރޭގެ މެޗަށް ފަހު ކްލޮޕް ބުނީ އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ޔުއެފާ ސުޕަ ކަޕްގެ މެޗުގައި ޗެލްސީއާ ދެކޮޅަށް އެލިސަން އަށް ނުކުޅެވޭނެ ކަމަށެވެ.

"އެލިސަންއާ ބެހޭގޮތުން ދައްކަން މި ޖެހެނީ ރަނގަޅު ވާހަކައެއް ނޫން. އޭނާގެ އަނިޔާގެ ތަފްސީލް މި އަންނަނީ ހޯދަމުން. އޭނަ ފަޔަށް ލިބިފައިވާ އަނިޔާ އެހާ ސީރިއަސް ނުވާނެ ކަމަށް އުއްމީދުކުރަން. ޓެސްޓްތައް ހެދުމުން ވަކި އެއްޗެއް ބުނެވޭނީ،" ކްލޮޕް ބުންޏެވެ.

ލަނޑު ޖެހުމަށް ފަހު ވެން ޑައިކް (ކ) އާއި ސަލާހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު ޕްރިމިއާ ލީގުގެ ރަނަރަޕަށް ދިޔަ ލިވަޕޫލުން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން ހަތަރު ގޯލު ވެސް ޖެހީ މި ހާފުގަ އެވެ. ލިވަޕޫލުން ލީޑުނެގީ މެޗުގެ ހަތް ވަނަ މިނިޓްގައި ނޯވިޗްގެ ގްރޭން ހަންލީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ލިވަޕޫލްގެ އަނެއް ތިން ގޯލު ޖެހީ މުހައްމަދު ސަލާހާއި މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ ވާޖިލް ވެން ޑައިކް އަދި ޑިވޮކް އޮރީގީ އެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންގެ ގޮތުގައި މި ފަހަރުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޯވިޗުން ވެސް ވަނީ ރޭގެ މެޗުގައި ލިވަޕޫލް ގޯލަށް ނުރައްކާކޮށްފަ އެވެ. މި މެޗުގައި އެ ޓީމަށް ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކުރީ ފިންލެންޑުގެ ފޯވާޑް ޓީމޫ ޕޫކީ އެވެ.

ދެ ވަނަ ހާފުގައި އިތުރު ލަނޑުތަކެއް ޖަހަން ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ޖޯޑަން ހެންޑަސަން އާއި އަލެކްސަންޑަ އާނޯލްޑް ޖެހި ބޯޅަތަކުގެ ހުރަހަކަށްވީ ނޯވިޗް ގޯލުގައި ހުރި ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ނެދަލެންޑްސްގެ ކީޕަރު ޓިމް ކްރުލް އެވެ. ސަލާހާއި ރޮބާޓޯ ފިރްމީނޯ ޖެހި ބޯޅަތައް ދިޔައީ ބޭރުންނެވެ.