ސާނޭ މަދުވެގެން ހަ މަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ (އޮގަސްޓް 10) - މިދިޔަ ހަފްތާގައި އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން މެންޗެސްޓާ ސިޓީގެ ޖަރުމަނު ވިންގް ލެރޯއި ސާނޭ މަދުވެގެން ހަ މަސް ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.


އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަންކަން ހޯދި ސިޓީ މި ފަހަރުގެ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ރަށުންބޭރުގައި ވެސްޓް ހޭމްއާ އެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ލިވަޕޫލް އަތުން މޮޅުވި އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ސާނޭ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭކަން ކަށަވަރުކޮށްދީފަ އެވެ.

"މި ކަހަލަ އޭސީއެލް އަނިޔާތަކުން ރަނގަޅުވެގެން އަންނަން ހައެއް ނޫނީ ހަތް ވަރަކަށް މަސް ނަގާނެ. މަދުވެގެން ހަ މަސް ކަމަށް ސިޓީގެ މެޑިކަލް ޓީމުން ލަފާދެނީ. އުއްމީދަކީ އަންނަ އަހަރު ފެބްރުއަރީ ނޫނީ މާޗް ހިސާބުގައި އޭނާ އަށް ކުޅެވުން،" ގާޑިއޯލާ ބުންޏެވެ.

ސިޓީއާ އެކު ސާނޭ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އެކަމަކު ކޮންޓްރެކްޓް އާކުރަން މިހާތަނަށް ސިޓީން ހުށަހެޅި ހުރިހާ ފަަހަރަކު ވެސް ސާނޭގެ ފަރާތުން އެކަމަށް މާ ބޮޑު އެއްބާރުލުމެއް ނުލިބެ އެވެ. ސާނޭ ހޯދަން ޖަރުމަނުގެ ބަޔާން މިއުނިކުން އެކި ގޮތްގޮތަށް މަސައްކަތްކުރިއިރު، ސިޓީން ވެސް ވަނީ ސާނޭ ބޭނުންވާ ގޮތަށް އޮޅުންފިލުވަން އޭނާއާ ސުވާލުކޮށްފަ އެވެ.

"އަހަންނެއް ނުވިސްނަން ސާނޭ ޓީމު ދޫކޮށްލާނެ ކަމަކަށް. އަހަރެން އަބަދުވެސް ބުނީ އޭނާ އަކީ މި ޓީމުގެ ކުޅުންތެރިއެއް ކަމަށް. އޭނާ ވެސް އަހަރެން ގާތުގައި ނުބުނޭ ކްލަބް ދޫކޮށްލަން ބޭނުންވާކަމަށް،" ކުރިން ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އުމުރުން 23 އަހަރުގެ ސާނޭ ހޯދަން މީގެ ކުރިން ވެސް ބަޔާނުން މަސައްކަތް ކުރި އެވެ. އެކަމަކު އެ ފަހަރު ކާމިޔާބުނުވީ އެވެ. ނަމަވެސް މި ފަހަރު ބަޔާނުން ސާނޭ ހޯދަން މަސައްކަތްކުރީ ސިޓީގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބުން މަދު ދަނޑިވަޅެއްގަ އެވެ.

ސިޓީން މިދިޔަ ދެ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ސާނޭ ވަނީ މޮޅު ކުޅުމަކާ އެކު ބޭނުންތެރި ވަގުތުތަކުގައި ތަފާތު ދައްކައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. އިނގިރޭސި ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވެފައިވުމުން ސާނޭ ނެތްތަނަށް ސިޓީ އަށް ކުޅުންތެރިއަކު ނުގަނެވޭނެ އެވެ.

ސިޓީގެ ކުރީގެ ކޯޗު މެނުއަލް ޕެލެގްރީނީ ކޯޗުކޮށްދޭ ވެސްްޓް ހޭމްގެ ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 16:30 ގަ އެވެ.