ސިޓީ އާއި ޓޮޓެންހަމަށް ރަނގަޅު ފެށުމެއް

ލަންޑަން (އޮގަސްޓް 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ކުޅުނު މެޗުތަކުން މޮޅުވެ ފެށުން ރަނގަޅުކޮށްފި އެވެ.


ސިޓީން ރަށުންބޭރުގައި ފަސޭހަކަމާ އެކު 5-0 އިން ވެސްޓް ހޭމް ބަލިކުރިއިރު، ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 އިން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދައިފަ އެވެ.

ސިޓީގެ ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި ރަހީމް ސްޓާލިން ވަނީ މިދިޔަ ސީޒަނުގެ ފޯމު ދައްކައި ސީޒަނުގެ ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ. އަނެއް ދެ ގޯލު ޖެހީ ގަބްރިއެލް ޖީސޫސް އާއި ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާޖިއޯ އަގުއޭރޯ އެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދަމުން އަންނައިރު، މި މެޗުގައި ގިނަ ނިންމުންތަކެއް ވަނީ ރިވިއުކޮށްފަ އެވެ. އޭގެ ތެރެއިން ދެ ނިންމުމެއް ވަނީ ބަދަލުކޮށްފަ އެވެ. ޖީސޫސް ޖެހި އެއް ގޯލު ވީއޭއާރުން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމިއިރު، އަގުއޭރޯ ލަނޑު ޖެހި ޕެނަލްޓީ އަކީ ވެސް ވީއޭއާރުން ބެލުމަށް ފަހު ދެ ވަނަ ފަހަރަށް ޖަހަންދިނުމުން ކާމިޔާބު ކުރި ޕެނަލްޓީ އެކެވެ. ފުރަތަމަ ޕެނަލްޓީ ޖެހިއިރު ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ހުރީ ގޯލު ރޮނގުމަތިން ނުކުމެ އެވެ.

ހެރީ ކޭން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ އުއްމީދަކީ ކުރިން ވީއޭއާރް ނެތި ރެފްރީގެ އަމިއްލަ ނިންމުމުގައި ރަނގަޅަށް ނިންމާފައިހުރި ބައެއް ނިންމުންތައް ވީއޭއާރްގެ އެހީގައި ގިނަ ބަޔަކު އެއްވެގެން ނިންމަންޖެހޭ ހާލަތެއްގައި ގޯސްކޮށް ދިއުމުގެ ބިރު އޮތުމެވެ.

"ވީއޭއާރް އައި ފަހުން މާޒީގައި ވެފައި ހުރި ކަންތައްތަކަށް ބަލާއިރު ރެފްްރީ ރަނގަޅަށް ނިންމާ ނިންމުން އެބަހުރި ވީއޭއާރުން ބަލަން ޖެހުމުން ގޯސްވެފައި. އަހަރެން އެދެނީ އެ ފަދަ ގޯސްތައް ނުހެދުން. ވީއޭއާރުގެ އެހީގައި ތަފްސީލް ބެލިޔަސް ކަންތައް ހިނގަންވާނީ ރެފްރީގެ ވިސްނުމުގައި ގަވައިދާ އެއްގޮތަށް،" ގާޑިއޯލާ ބުންޏެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުން ސިޓީ އަތުން އެންމެ ފަހުން ޕޮއިންޓެއް ގެއްލުނީ 2011-2012 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އޭގެ ފަހުން ކުޅުނު ނުވަ ސީޒަނުގެ ލީގުގެ ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ސްޓާލިން އަކީ 2010 ވަނަ އަހަރު ޑިޑިއޭ ޑްރޮގްބާ އަށް ފަހު ލީގުގެ ފުރަތަމަ މެޗުގައި ހެޓްރިކް ހެދި ފުރަތަަމަ ކުޅުންތެރިޔާ އެވެ. މިމެޗުގައި ސްޓާލިން ޖެހި ގޯލުތަކާ އެކު އޭނާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން ސިޓީ އަށް 50 ގޯލު ހަމަކޮށްދީފަ އެވެ.

މެޗުގެ ނުވަ ވަނަ މިނިޓްގައި އެސްޓަން ވިލާގެ ޖޯން މެކްގިން އެ ޓީމަށް ލީޑުނަގައިދިން ނަމަވެސް ޓޮޓެންހަމުން ވަނީ މެޗުގެ ފަހު 17 މިނިޓް ތެރޭ ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ޓޮޓެންހަމަށް އެއްވަރުކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބަދަލުވި ޓަންގުއީ އެންޑޮމްބެލޭ އެވެ. އަނެއް ދެ ގޯލު ޖެހީ ހެރީ ކޭން އެވެ.