ނެދަލެންޑްސްގެ ތަރި ސްނައިޑާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އަމްސްޓަޑަމް (އޮގަސްޓް 13) - ނެދަލެންޑްސް ގައުމީ ޓީމާއި އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި މިޑްފީލްޑަރު ވެސްލީ ސްނައިޑާ 17 އަހަރު އެންމެ މަތީ ފަންތީގެ ކްލަބްތަކުގައި ކާމިޔާބު ހޯދުމަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.


އުމުރުން 35 އަހަރުގެ ސްނައިޑާ އެންމެ ފަހުން ކުޅުނު ކްލަބަކީ ގަތަރުގެ ކްލަބެއް ކަމަށްވާ އަލް-ގަރާފާ އަށެވެ. އޭނާ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ އޭނާ އުފަން ސަރަހައްދުގެ ކްލަބް ކަމަށްވާ އެފްސީ ޔޫޓްރެކްޓްގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގަ އެވެ. ސްނައިޑާ ވަނީ އެ ކްލަބްގެ ސްޓޭޑިއަމުން ހާއްސަ ވީއައިޕީ ރޫމެއް ގަނެފަ އެވެ.

"އަހަންނާ މި ކްލަބު ނިސްބަތްވާ މި އަވަށާ ވަރަށް ބޮޑު ގުޅުމެއް އަބަދުވެސް އޮންނާނެ. އަހަރެން ފުޓްބޯޅައިން ރިޓަޔާކޮށްފިން. ދެން އަހަރެން ބޭނުންވަނީ މި ކްލަބާ އެކު ހަނދާންތަކެއް ރައްކާކުރަން،" ސްނައިޑާ ބުންޏެވެ.

ނެދަލެންޑްސް އަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮތް ސްނައިޑާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ. ގައުމީ ޓީމަަށް 134 މެޗު ކުޅެދިނުމަށް ފަހު ސްނައިޑާ އޭރު ހުއްޓާލީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އަލް-ގަރާފާ މެޗެއްގެ ތެރެއިން ސްނައިޑާ.-- ފޮޓޯ: އޭއެފްޕީ

ފުޓްބޯޅަ ކެރިއަރުގައި ސްނައިޑާގެ އެންމެ ހާއްސަ އަހަރަކީ 2010 ވަނަ އަހަރެވެ. އެ އަހަރު ސްނައިޑާ ވަނީ އިންޓަ މިލާނާ އެކު އިޓަލީ ގެ ފުޓްބޯޅަ ސީޒަނުގެ ތިން ތަށްޓާއި ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އެ ފަހަރު ދެކުނު އެފްރިކާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ނެދަލެންސް އަށް ފުރުސަތު ހޯދައިދިނުމުގައި ސްނައިޑާ މުހިއްމު ދައުރެއް އަދާކުރި އެވެ. އެކަމަކު އެ ފަހަރު ފީފާއިން ހޮވި ގަދަ ތިނެއްގައި ސްނައިޑާ ނެތުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ފުޓްބޯޅަ ކެރިއަރުގައި ތަފާތު ހަ ގައުމެއްގައި ކުޅެ 20 ތަށި އުފުލާލި ސްނައިޑާ ވަނީ އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ހޯދައިފަ އެވެ.

ޒުވާން އުމުރުގައި އަޔަކްސް ޔޫތު ޓީމަށް ކުޅުމަށް ފަހު އެ ކްލަބްގެ ސީނިއާ ޓީމަށް 2002 ވަނަ އަހަރު ކުޅެން ފެށި ސްނައިޑާ 2007 ވަނަ އަހަރު ގުޅުނީ ރެއާލް މެޑްރިޑާ އެވެ. އޭގެ ދެ އަހަރު ފަހުން އިންޓަ އަށް ބަދަލުވެ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. ތަކުރާރުކޮށް މެންޗެސްޓާ ޔުނައިޓެޑުން ގެންދަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވެދިޔައިރު، ސްނައިޑާ 2013 ވަނަ އަހަރު ގުޅުނީ ތުރުކީގެ ގަލަސަތަރާއިއާ އެވެ.

ޔޫރަޕްގައި ސްނައިޑާ ކުޅުނު ފަހު ކްލަބަކީ ފްރާންސްގެ ނީސް އެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި އަލް ގަރާފާ އަށް ކުޅުމަށް ފަހު ދެން އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުމުން އޭނާ މިހާތަނަށް ކްލަބަކާ ނުގުޅެ ހުރުމަށް ފަހު ރިޓަޔާކުރީ އެވެ.