ކޯޓު ހުކުމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ތާއީދުކޮށްފި

މެޑްރިޑް (އޮގަސްޓް 13) - ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ނެޝަނަލް ޕްރޮފެޝަނަލް ލީގު (އެލްއެފްޕީ)އާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަަބަބުން ސްޕެނިޝް ލަލީގާގެ މެޗުތައް ހުކުރު ދުވަހާއި ހޯމަ ދުވަހު ބޭއްވުމާ ބެހޭގޮތުން ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލެސް ވިދާޅުވެއްޖެ އެވެ.


ލަލީގާ އިންތިޒާމުކުރަނީ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިފައިވާ ވަކި ބައެއް ކަމަށްވާ ނެޝަނަލް ޕްރޮފެޝަނަލް ލީގު (އެލްއެފްޕީ) އިންނެވެ. ފެޑެރޭޝަނާއި އެލްއެފްޕީގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނީ ހުކުރު ދުވަހާއި ހޯމަ ދުވަހުގެރޭ ފުޓްބޯޅަ މެޗުތައް ބާއްވަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދެކޮޅު ހަދައި އެކަން މަނާކުރުމުންނެވެ.

އެ މައްސަލައިގައި ކޯޓުން މިދިޔަ ހުކުރު ދުވަހު ހުކުމްކުރީ ފުރަތަމަ ތިން ބުރުގައި ހުކުރު ދުވަހު ކުޅެން ތާވަލުކޮށްފައި އޮތް މެޗުތައް ކުޅުމުގެ ހުއްދަދިނުމަށާއި އެހެން ނަަމަވެސް ހޯމަ ދުވަހުގެރޭ ކުޅޭ މެޗުތައް ބަދަލުކުރުމަަށެވެ. މިއާ އެކު މިހާރު ޝެޑިއުލުގައި އޮތްގޮތަށް ލަލީގާގެ ފުރަތަމަ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބައްދަލުކުރާނީ އެތުލެޓިކް ބިލްބާއޯއާ އެވެ.

"އަހަަރެމެން މިހުރީ ވަރަށް ހިތްހަމަޖެހިފައި. ވަރަށް އުފާވެރި އަދި ތާރީހީ ދުވަހެއް އެއީ. ފުޓްބޯޅަ ފެޑެރޭޝަނުގެ އަގު ކޯޓުން ވެސް ދަމަހައްޓައިދީފި،" ރުބިއާލެސް ވިދާޅުވި އެވެ.

މީގެ ކުރިން ހުކުރާއި ހޯމަ ދުވަހު މެޗުތައް ރާވަން އެލްއެފްޕީ އަށް ދީފައިވާ ހުއްދަ މިދިޔަ ޖޫން މަހު ވަނީ ހަމަވެފަ އެވެ. ފެޑެރޭޝަނުން އޭރު ބުނީ އެއެފްޕީން ލަލީގާގެ އާ ޝެޑިއުލް ނެރުނީ އެއްވެސް ވަރަކަށް މަޝްވަރާކުރުމަށް ފަހު ނޫން ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހުކުރާއި ހޯމަ ދުވަހު ލީގުގެ މެޗުތައް ނުކުޅެން ފެޑެރޭޝަނުން ބާރުއަޅާ އެންމެ ބޮޑު ސަބަބަކީ ސްޕެއިނުގައި މީހުންގެ ދިރުއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން އެ ދެ ދުވަހު މެޗުތައް ބަލަން ސަޕޯޓަރުންނަށް ނުދެވޭތީ އެވެ. އަދި އެކަން ފާއިތުވި ސީޒަންތަކުގައި ހުކުރާއި ހޯމަ ދުވަހު ކުޅުނު މެޗުތަކުން ފެނިފައިވާ ކަމަށް ފެޑެރޭޝަނުން ބުނެ އެވެ.

ލަލީގާގެ ފުރަތަމަ ތިން ހަފްތާގައި ހުކުރު ދުވަހަށް ތާވަލުކޮށްފައިވާ މެޗުތައް ކުރިއަށްގެންދަން ދީފައިވާ ހުއްދަ ދާއިމީކުރަން އާ މައްސަލައެއް ކޯޓަށް ވަންދަން އެލްއެފްޕީން އަންނަނީ މަސައްކަތްކުރަމުންނެވެ. ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވީ އަލުން މައްސަލަ ވައްދާއިރު ހޯމަ ދުވަހު މެޗުތައް ކުޅެވޭ ގޮތް ހަދައިދޭން މި ފަހަރު ވެސް އެދޭނެ ކަމަށެވެ.

އެލްއެފްޕީން ބުނީ ހުކުރާއި ހޯމަ ދުވަހު މެޗުތައް ބާއްވަން ޖެހެނީ އެހެން ލީގުތަކުގެ މެޗުތައް އެ ދެ ދުވަހުގައި މަދުވުމުން ޓީވީ ރައިޓްސް ވިއްކައިގެން ލަލީގާ ކްލަބްތަކަށް ލިބޭ އާމްދަނީ ގިނަ ކުރުމަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް ވިއްކާލާފައިވާ ކޮންޓްރެކްޓްތައް ހުރިގޮތުން ލަލީގާ އަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ސްޕެނިޝް ލީގު މެޗުތައް ޓީވީ މެދުވެރިކޮށް ދެއްކުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެހެންވެ އެލްއެފްޕީން ވަނީ މިދިޔަ އަހަރު ފޭސްބުކް މެދުވެރިކޮށް އޭޝިއާގެ އެކި ހިސާބުތަކަށް ލަލީގާގެ މެޗުތައް ދައްކަން ފަށައިފަ އެވެ.