ސިޓީން ކުށް ގަބޫލުކުރުމުން ފީފާ އިން ޖޫރިމަނާއަކުން ފުއްދާލައިފި

ޕެރިސް (އޮގަސްޓް 14) - ޒުވާން ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީކުރިއިރު ގޯސްތަކެއް ހަދާފައިވާ ކަމަށް މެންޗެސްޓާ ސިޓީން ގަބޫލުކުރުމުން ފީފާއިން އެ ކްލަބް ސަސްޕެންޑްނުކުރަން ނުނިންމައި ޖޫރިމަނާއަކުން ފުއްދާލައި އިންޒާރެއްދީފި އެވެ.


ކްލަބްތަކުން އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީކުރުމުގެ ކުށުގައި މީގެ ކުރިން ފީފާއިން ވަނީ ގިނަ ކްލަބްތަކަކަށް އަދަބުދީފަ އެވެ. ބާސެލޯނާއި އެތުލެޓިކޯ މެޑްރިޑް އަދި ރެއާލް މެޑްރިޑް ފަދަ ޓީމުތަކަށް އަދަބުދިންއިރު، މިހާރު ޗެލްސީން ވެސް އަންނަނީ އޭގެ އަދަބު ތަންފީޒުކުރަމުންނެވެ.

ޗެލްސީ އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ނުގަނެވޭ ގޮތަށް ފީފާ އިން އަދަބުދިނީ ގަވައިދާ ހިލާފަށް 29 ޒުވާން ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި އޮޅުވާލުމަށް ފަހު އެކަން ކުރި ކަމަށް އެއްބަސްވުމަށް ވެސް އިންކާރު ކުރުމުންނެވެ. ޗެލްސީން ވަނީ އެ މައްސަލަ އެޕީލްކޮށްގެން ކާމިޔާބުނުވުމުން ވަކި މައްސަލައެއްގެ ގޮތުގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިފަ އެވެ. ޗެލްސީން މަސައްކަތްކުރަމުން އަންނަނީ ސީއޭއެސް މެދުވެރިކޮށް ފީފާގެ ނިންމުން ބަދަލުކުރުމަށެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޓީ ހަމައެކަނި ޖޫރިމަނާކުރަން ނިންމީ އެ ޓީމުން ކުރެވުނު ކުށަށް އިއުތިރާފުވެ ކަންތައްތައް ރަނގަޅުކުރަން ފީފާގެ ލަފާ ހޯދުމާ ގުޅިގެންނެވެ. ފީފާ އިން ސިޓީ ޖޫރިމަނާކުރީ 379،000 ޑޮލަރުންނެވެ.

ފީފާއިން ބުނީ ސިޓީން ގަވައިދާ ހިލާފުވެފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ކަމަށްވާއިރު އެ މުއްދަތަކީ ގަވާއިދަށް އިސްލާހުތަކެއް ގެނެސްގެން އަމަލުކުރަން ފެށުނު ދުވަސްވަރު ކަމަށްވާތީ ސިޓީ އަށް ގޯހެއް ހެދުނީ ފުުރިހަމަ މައުލޫމާތު ނުލިބޭތީ ކަމަށެވެ.

ސިޓީ މައްޗަށް ސާބިތުވި ކުށަކީ 16 އަހަރުން ދަށުގެ ކުޅުންތެރިން ގަތުމަށް އޭޖެންޓުންގެ ނުފޫޒުތަކެއް ބޭނުންކުރުމެވެ. ފީފާ އިން ސިޓީ ޖޫރިނަމާކުރުމަށް ފަހު މައްސަލަ ނިންމާލި ނަމަވެސް އިނގިރޭސި އެފްއޭ އާއި ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ވެސް އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ޔުއެފާ އިން އަންނަނީ ކްލަބްތަކުން ހަމަހަމަކަންމަތީ ހަރަދުކުރުމަށް ކަނޑައަޅާފައިވާ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ސިޓީން ހިލާފުވެފައިވާތީ އޭގެ ތަހުގީގެއް ވެސް ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާއިރު، ސިޓީ އަށް އެއް އަހަރު ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭގޮތަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.