ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

ބިލްބާއޯ (އޮގަސްޓް 17) – މި ސީޒަނުގެ ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުން ރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެ އެވެ.


ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު މޮޅުވީ 88 ވަނަ މިނެޓުގައި އުމުރުން 38 އަހަރުގެ އަރިޒް އަޑުރިޒް ވައްދާލީ ހިތްގައިމު ގޯލަކުންނެވެ. އެންޑަ ރޮޑްރިގޭޒް ދިން ބޯޅަ، މި ސީޒަނަށް ފަހު ރިޓަޔާކުރަން ނިންމާފައިވާ އަރިޒް ގޯލަށް ވައްދާލީ އެކްރޮބެޓިކް ވޮލީއަކުންނެވެ.

މި މެޗުގައި ބާސެލޯނާ އަށް އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. ގޯލަށް އަމާޒުކުރެވުނީ އެންމެ ދެ ހަމަލަ އެވެ. އަނިޔާގެ ސަބަބުން ލިއޮނަލް މެސީ މި މެޗުގައި ކުޅެފައިވި ނުވީ ނަމަވެސް 120 މިލިއަން ޔޫރޯ ގެނައި ފްރާންސް ފޯވާޑް އެންޓޮއިން ގްރިޒްމަން އާއި 75 މިލިއަން ޔޫރޯ އަށް ގެނައި މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ފުރަތަމަ އެގާރައިގައި ކުޅުނެވެ. ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފޯވާޑް ލުއިސް ސުއަރޭޒަށް އަނިޔާވެގެން ފުރަތަމަ ހާފުގެ ފަހުކޮޅު އޭނާ ބާލަން ޖެހުމެވެ.

ލޯނެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވާން ނިމިފައިވާ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ ވެސް ރޭގެ މެޗުގައި ނުކުޅެ އެވެ.