ސުއަރޭޒް މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

ބާސެލޯނާ (އޮގަސްޓް 18) – ބާސެލޯނާގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒްގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން މަހެއްހާ ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ސުއަރޭޒުގެ ކަނާތު ކުޑަކަޅުވާ އަށް އަނިޔާވީ ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބާސެލޯނާ ބަލިވި މެޗުގެ ފުރަތަމަ ހާފުގަ އެވެ. ބާސެލޯނާ އިން ބުނަނީ ތަފްސީލް އެނގޭނީ އިތުރު ޓެސްޓްތަކެއް ހަދައިގެން ކަމަށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މަހެއްހާ ދުވަހު އޭނާ ހުންނަން ޖެހޭނީ ކުޅިބަލާށެވެ.

ލިއޮނަލް މެސީ ވެސް އަނިޔާގައި ހުއްޓާ ސުއަރޭޒަށް ނުކުޅެވޭ ގޮތްވުމަކީ ބާސެލޯނާ އަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. ސުއަރޭޒްގެ ބަދަލުގައި އެރޭ ސެންޓަ ފޯވާޑަކަށް ކުޅުވި، އެންޓޮއިން ގްރިޒްމަން ވެސް އަދި ޓީމަށް އެހާ ބޮޑަށް ނެހޭނެ އެވެ. އޭނާ އެ ޓީމާ ގުޅުނީ މި ޓްރާންސްފާގަ އެވެ. ސުއަރޭޒަށް ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ބެޓިސް، އޮސަސޫނާ އަދި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުތައް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

ބާސެލޯނާ އިން އަންނަނީ މެސީ އާއި ސުއަރޭޒާ އެކު ކުރިން އެ ޓީމުގައި މޮޅަށް ކުޅުނު ނޭމާ އަލުން ގެންނަން މަސައްކަތްކުރަމުންނެވެ. ދުނިޔޭގެ ރެކޯޑް އަގެއްގައި މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ ގަންނަން މިހާތަނަށް ބާސެލޯނާ އިން ހުށަހެޅި ބިޑްތަކަށް ޕީއެސްޖީން ވަނީ ނޫނެކޭ ބުނެފަ އެވެ. އެކަމަކު ނޭމާގެ ވެސް ބާރުއެޅުމާ އެކު އެކަން ކާމިޔާބުވާނެ ކަމަށް ބެލެވެ އެވެ.