ދެ ވަނަ މެޗުން މެޑްރިޑަށް ޕޮއިންޓެއް

މެޑްރިޑް (އޮގަސްޓް 25) – ރެއާލް މެޑްރިޑުގެ ޕްލޭނުގައި ނުހިމެނި ބާކީވެފައި ތިބި ދެ ކުޅުންތެރިން ކަމަށްވާ ގަރެތު ބޭލް އާއި ހަމެސް ރޮޑްރިގޭޒް ދެ އަހަރު ތެރޭ ފުރަތަމަ އެގާރައިގައި އެކުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ވަޔަޑޮލިޑާ 1-1 އިން މެޑްރިޑް އެއްވަރުވެއްޖެ އެވެ.


ރޮޑްރިގޭޒް މިދިޔަ ސީޒަން ހޭދަކުރީ ލޯން އުސޫލުން ބަޔާން މިއުނިކުގަ އެވެ. އޭނާ ލޯން އުސޫލުން އެހެން ކްލަބަކަށް މި ފަހަރު ވެސް ބަދަލުވުމާ ގާތަށް ދިޔަ އެވެ. ބޭލް އަށް މިދިޔަ ސީޒަނުގައި ފުރުސަތެއް ނުލިބެ އެވެ. ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ ބޭލް އޭނާގެ ޕްލޭނުގައި ނުހިމެނޭ ކަމަށް ބުނެފަ އެވެ. އޭނާ ޗައިނާގެ ކްލަބަކާށް ބަދަލުވުމާ ގާތަށް ދިޔަ ނަމަވެސް މެޑްރިޑުން އެ ޓްރާންސްފާ ހުއްޓުވީ އެވެ.

މި ދެ ކުޅުންތެރިން ހިމެނި އިރު މެޑްރިޑުން މި ސީޒަނުގައި ބޮޑު ހަރަދުކޮށްގެން ގެނައި އެއްވެސް ކުޅުންތެރިޔަކު ފުރަަތަމަ އެގާރައިގައި ޒިދާން ނުހިމަނަ އެވެ. ފުރަތަމަ މެޗުން ވެސް ފުރުސަތެއް ނުދެ އެވެ. އޭގެ ތެރެއިން ޕްލޭމޭކަރު އެޑެން ހަޒާޑާއި ޑިފެންޑަރު ފާލެންޑް މެންޑީ މިވަގުތު ތިބީ އަނިޔާއެއްގަ އެވެ. ލޫކާ ޖޮވިޗާއި އެޑާ މިލިޓާއޯ އަށް ބެންޗުން ފުރުސަތު ދިންއިރު ރޮޑްރީގޯ ކުޅެމުން އަންނަނީ ބީ ޓީމުގަ އެވެ.

މެޗުގެ ބޮޑުބައިގައި ލަނޑެއް ނުފެނި ދިޔަ މި މެޗުގައި މެޑްރިޑް މޮޅުވާނެ ކަމަށް ބެލެވުނީ 82 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ލީޑު ނެގުމުންނެވެ. އެކަމަކު 88 ވަނަ މިނެޓުގައި ވަޔަޑޮލިޑްގެ ސާޖެއީ ގާޑިއޯލާ ޖެހި ގޯލުން އެ ޓީމުން އެއްވަރުކުރީ އެވެ.

މެޑްރިޑުގެ ކޯޗު ޒިދާން ބުނީ މެޗުގައި އެންމެ އުނދަގޫވީ ގޯލެއް ޖަހަން ކަމަށާއި އެކަންކުރުމަށް ފަހު ވެސް މޮޅެއް ނުލިބުމުން މާޔޫސްވެއްޖެ ކަމަށެވެ. އަދި ލީޑު ލިބުމާ އެކު އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށް ދެކޭ ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ މެޗުން ސެލްޓާ ވީގޯ އަތުން 3-1 އިން މޮޅުވި މެޑްރިޑް މިވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ސެވިއްޔާ އެވެ. އެ ޓީމު ވަނީ ރޭ ގްރަނަޑާ އަތުން 1-0 އިން މޮޅުވެފަ އެވެ. ފުރަތަމަ މެޗުން ބަލިވި ބާސެލޯނާ އިން މިރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ނުކުންނާނެ އެވެ.