ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެން ޑައިކަށް

މޮނާކޯ (އޮގަސްޓް 29) - މިިދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިވަޕޫލުގެ ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ހޯދައިފި އެވެ.


އެންމެ މޮޅު ކުޅުންތެރިޔާ އަށް އަށް ވެން ޑައިކާ ވާދަކުރީ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ފޯވާޑްގެ މަގާމު ހޯދި ބާސެލޯނާގެ ލިއޮނަލް މެސީ އާއި ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ އިތުރުން ޕޯޗުގަލްއާ އެކު ނޭޝަންސް ލީގުގެ ތަށި އުފުލާލި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ އާއި މެސީ އަށް މި އެވޯޑް ނުލިބި ދިޔަ ޖެހިޖެހިގެން ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ލޫކަ މޮޑްރިޗް އެވެ.

އުމުރުން 28 އަހަރުގެ ވެން ޑައިކް އެއް ވަނަ އަށް ދިޔައީ 305 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔައީ 207 ޕޮއިންޓާ އެކު މެސީ އެވެ. އަދި ތިން ވަނަ ހޯދީ 74 ޕޮއިންޓާ އެކު ރޮނާލްޑޯ އެވެ.

މިދިޔަ ސީޒަނުގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ފްރާންސްގެ ލިޔޯނަށް ކުޅޭ އިނގިރޭސި ކުޅުންތެރިޔާ ލޫސީ ބްރޯންޒް އަށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ވެސް ހޯދި ވެން ޑައިކް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މިދިޔަ އަހަރު ލިވަޕޫލްގެ އިތުރުން ނެދަލެންޑްސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ވެން ޑައިކް ވަނީ ލިވަޕޫލަށް ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި އެހީތެރިވެ ފައިނަލުގައި ޓޮޓެންހަމް އަތުން 2-0 އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި އޭނާ ވަނީ ނެދަލެންޑްސްއާ އެކު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ.

ވެން ޑައިކް މިދިޔަ އަހަރު ޖެނުއަރީ މަހު ލިވަޕޫލަށް ބަދަލުވީ އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 75 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ޓީމުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޖެހިޖެހިގެން ދެ ފަހަރު ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނުއިރު ވެން ޑައިކްގެ ދައުރު ބޮޑެވެ.

"އަހަންނަށް 18 އަހަރު ވެސް ނުފުރޭއިރު އެންމެ މަތީ ފަންތީގައި ކުޅެން ނުފެށޭ. ކޮންމެ ދުވަހަކު އަހަންނަށް ޖެހުނީ އެންމެ ބުރަކޮށް މަސައްކަތްކުރަން. އަހަންނަށް މި ހިސާބަށް އާދެވުމުގައި ސަޕޯޓަރުންނާއި ކްލަބްގެ ކުޅުންތެރިން ކޮށްދިން މަސައްކަތް ފާހަގަކުރަން. މިއީ އަހަންނަށް ލިބިގެންދިޔަ ވަރަށް ޝަރަފްވެރި ކާމިޔާބެއް،" މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުން ވެން ޑައިކް ބުންޏެވެ.

"އަހަރެން ކުޑައިރުގައި އެންމެ ބޮޑަށް ބެލީ ރޮނާލްޑީނިއޯ ކުޅުނު ތަން. އޭނަ ވަރަށް އުފާވެރިކަމާ އެކީ ފުޓްބޯޅަ ކުޅެމުންދިޔައީ. ވަރަށް އުފާވޭ އޭނާ ފުޓްބޯޅައިން ޖާދޫ ދައްކާ ކުޅޭ މަންޒަރު ފެނުމުން."

މިދިޔަ އަހަރުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ. މި ވަގުތު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އެލިސަން ވަނީ މިިދިޔަ އަހަރު ލިވަޕޫލަށް ބަދަލުވެ އެ ޓީމުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ބްރެޒިލާ އެކު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް އެ މުބާރާތުގެ މޮޅު ކީޕަރުގެ މަގާމު ވެސް ހޯދި އެވެ.

މި ފަހަރު ޔުއެފާ ރައީސް އަލެކްސަންޑަ ކެފެރިންގެ އެވޯޑް ލިބުނީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ އެރިކް ކެންޓޮނާ އަށެވެ. އަދި އީކުއަލް ގޭމް އެވޯޑް ހޯދީ ބޮރޫޝިއާ ޑޯޓްމަންޑް އެވެ.

ޔުއެފާ އެވޯޑްގައި ވޯޓުލާނީ ކްލަބްތަކުގެ ކޯޗުންނާއި ކުޅުންތެރިންގެ އިތުރުން ޔުއެފާ އިން ހިޔާރުކޮށްފައިވާ މަތީ ފަންތީގެ ނޫސްވެރިންނެވެ.