ޗެމްޕިއަންސް ލީގު ނުލިބުމަކީ ފެއިލްވުމެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (އޮގަސްޓް 31) - މެންޗެސްޓާ ސިޓީގެ ކޯޗުކަމުން ވަކިވާއިރު އެ ޓީމާ އެކު ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އޭނާ ފެއިލްވީ ކަމަށް ނުނިންމާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ގާޑިއޯލާ ހަވާލުވި ފަހުން ވަނީ ސިޓީއާ އެކު އިންގްލެންޑްގެ މުބާރާތްތަކުގައި ގިނަ ރެކޯޑްތަކަކާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން 100 ޕޮއިންޓް ހަމަކޮށް ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ސީޒަނުގައި އިނގިރޭސި ހުރިހާ މުބާރާތެއް ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ޝަރަފް ވެސް ހޯދި އެވެ. އެކަމަކު މިހާތަނަށް ޔޫރަޕްގައި ސިޓީއާ އެކު ގާޑިއޯލާގެ ރެކޯޑް އެންމެ ރަނގަޅެއް ނޫނެވެ.

ކުރިން ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިން ގާޑިއޯލާ ސިޓީއާ އެކު މިހާރު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާނެ އެވެ. އޭނާ ބުނީ ސިޓީގެ ކޯޗުކަމުގައި ހަތަރު އަހަރު މި އަހަރަށް ހަމަވާއިރު ޗެމްޕިއަންސް ލީގެއް ނުހޯދުނަސް މާބޮޑު ފަރުވާލެއް ނެތް ކަމަށެވެ.

"ޗެމްޕިއަންސް ލީގު ހޯދުމަކީ މުހިއްމު ކަމެއް. އެކަން ކުރެވިއްޖެނަމަ މުހިއްމުކަން ވަރަށް ބޮޑުވާނެ. އެކަން ކުރަން ކުރެވޭނެ ހުރިހާ ކަމެއް ކުރަން މަސައްކަތްކުރާނަން. އެކަމަކު އެކަން ހާސިލްނުވިޔަސް އޭގެއިން މާ ބޮޑު ފަރަގެއް ނާންނާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2011 ވަނަ އަހަރު ބާސެލޯނާގެ ކޯޗަކަށް ހުރެ އެވެ. ބަޔާނުގައި ވެސް ގާޑިއޯލާ އަށް ނުހޯދުނީ ޗެމްޕިއަންސް ލީގެވެ. ގާޑިއޯލާ ބުނީ އޭނާ ބޭނުންވާ ސިސްޓަމަށް ތަފާތު ތިން ގައުމެއްގައި ވެސް ކާމިޔާބު ހޯދުމަކީ ވެސް ކާމިޔާބެއް ކަމަށެވެ. އަދި ސިޓީ އަކީ ކޮންމެ މުބާރާތެއްގެ ވެސް ތައްޓަށް ނުކުންނަ ޓީމެއް ކަމަށާއި އެ ގޮތުން މި އަހަރު ވެސް އެކަން ކުރާނެ ކަަމަށް ބުންޏެވެ.

"އަހަރެމެންގެ ކިބައިގައި ހުރި ފެންވަރެއްގައި އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތްކުރާނަން. މި އަހަރު ކާމިޔާބު ނުވެއްޖިއްޔާ އަންނަ އަހަރު އެ އަށް ވުރެ ވަރުގަދަ އަށް އެނބުރި އަންނާނީ،" ގާޑިއޯލާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މި ފަހަރު ސިޓީ ހިމެނުނީ ޔޫކްރޭނުގެ ޝަހުތަރު ޑޮނެސްކާއި މި މުބާރާތުގައި އަލަށް ވާދަކުރާ އިޓަލީގެ އެޓަލަންޓާގެ އިތުރުން ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބްއާ އެއް ގްރޫޕެއްގަ އެވެ.

ގާޑިއޯލާ ވަނީ ކުރިއަށް އޮތް ޔޫރޯ ކޮލިފައިން އަށް އިންގްލެންޑުން ނެގި ސްކޮޑުގައި ސިޓީގެ ކައިލް ވޯކާ ނެތުމުން އެކަމާ ހައިރާންވާ ކަމަށް ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަންކަން ހޯދި ސިޓީ މިރޭ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. ލީގުގެ ދެ ވަނައިގައި ސިޓީ މި ވަގުތު އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.