ސަންޗޭޒް ދޫކޮށްލުމަކީ ހެދުނު ގޯހެއް ނޫން: ސޯލްޝެއާ

ލަންޑަން (އޮގަސްޓް 31) - ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ މިލާނަށް ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ދިނުމަކީ ހެދުނު ގޯހެއްގެ ގޮތުގައި ނުދެކޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.


އުމުރުން 30 އަހަރުގެ ސަންޗޭޒް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވި ނަމަވެސް އެ ޓީމުގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ޔުނައިޓެޑަށް ކުޅެދިން 45 މެޗުން ޖެހުނީ އެންމެ ފަސް ލަނޑެވެ. އިންޓަ އަށް ކުރިއަށް އޮތް ސީޒަނުގައި ސަންޗޭޒް ކުޅުނު ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި އޭނާގެ މުސާރައިގެ ބޮޑުބައި ދޭނީ ޔުނައިޓެޑުންނެވެ. އިންޓަ އިން ހަފްތާ އަކު 121،905 ޑޮލަރު ދޭއިރު، 365،714 ޑޮލަރު ދޭނީ ޔުނައިޓެޑުންނެވެ.

ސޯލްޝެއާ ވަނީ ސަންޗޭޒަށް އަލުން ފުރުސަތު ދޭން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަކު ފަހުން ކަންތައްތައް ބަދަލުވުމުން ސަންޗޭޒް ދޫކޮށްލަން ނިންމީ އެވެ.

"އަހަރެންގެ ނަޒަރުގައި ސަންޗޭޒް ދާންޖެހޭ. އެއީ 18 މަސް ދުވަހު މިތަނުގައި އޭނާ އަށް ރަނގަޅަށް ނުދިޔަ. އަލުން ފަށައިގެން ގަވާއިދުން ކުޅެ ގޯލް ޖަހައިގެން ސަންޗޭޒް ފޯމަކަށް އަތުވެއްޖެ ނަމަ މިއީ އެންމެނަށް ރަނގަޅެއް. ސަންޗޭޒް ދޫކޮށްލުމަކީ ގޯސް ނިންމުމެއް ކަމަށް ނުދެކެން،" ސޯލްޝެއާ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިންޓަ އިން ވަނީ ޔުނައިޓެޑްގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ގެންގޮސްފަ އެވެ. އުމުރުން 26 އަހަރުގެ ލުކާކޫ އިންޓައާ ގުޅުނީ 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ސަންޗޭޒާއި ލުކާކޫ ދިޔަޔަސް ޔުނައިޓެޑްގެ އެޓޭކް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

"މިހާރު އޮތް ޒުވާން ފޯވާޑް ލައިނަށް އަހަރެން އިތުބާރުކުރަން. ރެޝްފޯޑާއި މާޝިއަލް ދެން މޭސަން އަށް މި ޓީމުގެ އެޓޭކުގައި ތަފާތު ދެއްކޭނެ،" ސޯލްޝެއާ ބުންޏެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނޮވެމްބަރު މަހު ހަމަވުމުން ކުރީގެ ކްލަބް ޔުނައިޓެޑަށް ބަދަލުވާން ފަސް ނުޖެހޭނެ ކަމަށް ސްވިޑިޝް ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފައިވާއިރު، ސޯލްޝެއާގެ ނަޒަރުގައި އެކަން ވުމުގެ ފުރުސަތު ކުޑަ އެވެ.

"ޒަލަޓާން ސީރިއަސްކޮށް ޔުނައިޓެޑަށް އަންނަން ބޭނުންނަމަ އޭނާ އަށް އަހަރެންނާ ގުޅޭނެ. އަހަރެންގެ ފޯން ނަމްބަރު އޭނާ އަށް އެނގޭނެ،" ސޯލްޝެއާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުގެ ފުރަތަމަ މެޗުން ޗެލްސީ އަތުން 4-0 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވުލްވްސްއާ 1-1 އިން އެއްވަރުވެ، އެންމެ ފަހު މެޗުން ކްރިސްޓަލް ޕެލަސް އަތުން އަމިއްލަ ދަނޑުގައި 2-1 އިން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑް މިއަދު ކުޅޭ މެޗުގައި ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ.