ރެކޯޑް މޮޅާ އެކު ލިވަޕޫލް މަގާމު ދަމަހައްޓައިފި

ލަންޑަން (ސެޕްޓެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 3-0 އިން ބާންލީ ބަލިކޮށް ލީގުގައި ޖެހިޖެހިގެން 13 މެޗުން މޮޅުވެ ކްލަބްގެ ތާރީހުގައި ހެދި ރެކޯޑާ އެކު ލިވަޕޫލް އެއް ވަނަ މަގާމު ދިފާއުކޮށްފި އެވެ.


މި ހަފްތާގެ މެޗުތަކަށް ފަހު ޔޫރަޕްގެ ލީގުތައް އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގެ މެޗުތަަކަށް މެދުކަނޑާލާނެ އެވެ. ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ 4-0 އިން ބްރައިޓަން ބަލިކުރިއިރު، ސިޓީ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ބާންލީގެ ޓާފް މޯގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ލީޑުނެގީ މެޗުގެ 33 ވަނަ މިނިޓްގައި ބާންލީގެ ކްރިސް ވުޑް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ލިވަޕޫލްގެ އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހެއް ވުޑް ގައިގައި ޖެހިފައި ގޯލަށް ވަނީ ބާންލީގެ ކީޕަރު ނިކް ޕޯޕް ބޯމަތިން އޮއްސިގެން ގޮހެވެ. އެ ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން ލިވަޕޫލްގެ ލީޑު ފުޅާކޮށްދިނީ ސަޑިއޯ މާނޭ އެވެ. މިއީ ބާންލީގެ ކެޕްޓަން ބެން މީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުން މާނޭ ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ފަހު ގޯލު ޖެހީ ފިރްމީނޯ އެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިރްމީނޯ ވަނީ މި މެޗުގައި ޖެހި ގޯލާ އެކު ޕްރިމިއާ ލީގުގައި 50 ގޯލު ހަމަކޮށްފަ އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި އެ އަދަދަށް ގޯލު ޖެހި ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމުގެ އެޓޭކް ލީޑުކުރާ ތިން ކުޅުންތެރިން ފުރިހަމަ ޕްރީ ސީޒަނެއް ނެތި އެ ފެންވަރުގައި ކުޅޭތަން ފެނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅުވެވޭނެ ކަމަށް ކުރިން އޭނާ އުއްމީދުނުކުރާ ކަމަށެވެ.

ސިޓީގެ ލަޕޯޓަށް އަނިޔާވުމުން ސްޓްރެޗަރުގައި ދަނޑުން ބާލަނީ. -- ފޮޓޯ: އޭއެފްޕީ

ބްރައިޓަން ކޮޅަށް ސިޓީގެ ގޯލުތައް ޖެހީ ސާޖިއޯ އަގުއޭރޯ ދެ ގޯލުގެ އިތުރުން ކެވިން ޑި ބްރޭނާ އާއި ބެނާޑޯ ސިލްވާ އެވެ. މި މެޗުގައި ސިޓީގެ ފްރާންސް ޑިފެންޑަރު އައިމެރިކް ލަޕޯޓްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފަ އެވެ. މި ފަހަރު އަލަށް ފްރާންސް ސްކޮޑުން ފުރުސަތު ލިބުނު ލަޕޯޓަށް މި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލޭނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑް އިއްޔެ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ސައުތެމްޓަންއާ 1-1 އެއްވަރުވެފަ އެވެ. ޒުވާން ވިންގް ޑެނިއަލް ޖޭމްސްގެ މޮޅު ގޯލުން ޔުނައިޓެޑް ލީޑުނަގާފައިވަނިކޮށް ސައުތެމްޓަން އަށް ދެ ވަނަ ހާފުގައި އެއްވަރުކޮށްދިނީ ޔަނިކް ވެސްޓެގާޑް އެވެ. ސައުތެމްޓަންގެ ކެވިން ޑަންސޯ އަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ފަހު 15 މިނިޓް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ޔުނައިޓެޑަށް ފައިދާ ނުނެގުނެވެ.

ޗެލްސީ އަށް ވެސް ރޭ ދިމާވީ ހިތްދަތި ގޮތެކެވެ. ފުރަތަމަ ހާފުގައި ޓެމީ އަބްރަހަމްގެ ދެ ގޯލުން ރަނގަޅު ލީޑެއް ނަގާފައިވަނިކޮށް ދެ ވަނަ ހާފުގައި ޝެފީލްޑް ޔުނައިޓެޑުން ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. ޝެފީލްޑްގެ ފުރަތަމަ ގޯލު ދެ ވަނަ ގާފުގެ ކުރީކޮޅުގައި ޖެހީ ކަލުމް ރޮބިންސަން އެވެ. އަދި ޝެފީލްޑުން އެއްވަރުކުރި ގޯލަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް ޗެލްސީގެ ކާޓް ޒޫމާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.