ފަޓީ އަށް ސަމާލުކަން، އޮސަސޫނާ އިން ބާސާ ހިފަހައްޓައިފި

ޕޭމްލޯނާ، ސްޕެއިން (ސެޕްޓެމްބަރު 1) - ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރައި ބާސެލޯނާގެ އުމުރުން 16 އަހަރުގެ އަންސޫ ފަޓީ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އަލަށް ޕްރޮމޯޓްވި އޮސަސޫނާ އިން ބާސެލޯނާއާ 2-2 އިން އެއްވަރުކޮށްފި އެވެ.


މި ނަތީޖާއާ އެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް މި ފަހަރުގެ ސީޒަނުގެ ފުރަތަމަ ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ލިއޮނަލް މެސީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރިއިރު، ބާސެލޯނާގެ އެޓޭކުގައި އެންމެ ރަނގަޅު ކުޅުމެއް އަދި ނުފެނެ އެވެ. މިއީ 2008 ވަނަ އަހަރަށް ފަހު ބާސެލޯނާ އިން އެންމެ ދަށްކޮށް ލީގު ފެށި ފަހަރެވެ.

އޮސަސޫނާގެ އެލް ސަދާރު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ރޮބާޓޯ ޓޮރޭޒް އެވެ. ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަަމަކުރަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ބާސެލޯނާ އިން ދެ ވަނަ ހާފް ފެށީ ނެލްސަން ސެމޭޑޯގެ ބަދަލުގައި ފަޓީ ކުޅެން އަރުވައިގެންނެވެ. ބާސެލޯނާ ޔޫތު ޓީމުގައި ތަފާތު ދައްކަމުން އަންނަ ފަޓީ އަށް ސީނިއާ ޓީމުން ފުރުސަތު ދޭން ނިންމި ނިންމުމަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔައިފަ އެވެ. އެ ނިންމުން ރަނގަޅުކަން ސާބިތުކޮށްދޭން ފަޓީ ވެސް ބޭނުންވާއިރު ރޭގެ މެޗުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ފަޓީ އެވެ. ކުޅެން އެރިތާ ހަ މިނިޓް ތެރޭ ފަޓީ ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް ލަނޑުޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އޭނާ އަކީ ސްޕެނިޝް ލީގުގެ ތާރީހުގައި ލަނޑު ޖެހި ތިން ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ބާސެލޯނާ އަށް ލީޑުނަގައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ބްރެޒިލްގެ މިޑްފީލްޑަރު އާތޯ މެލޯ އެވެ. އޮސަސޫނާ އިން އެއްވަރުކުރީ މެޗު ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ޓޮރޭޒް އެވެ.

ރޭގެ ނަތީޖާ އަށް ފަހު ލީގުގެ ހަތް ވަނައިގައި މި ވަގުތު ބާސެލޯނާ އޮތްއިރު، އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ އެ ޓީމަށް އަދި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ބުނެފަ އެވެ.