ޔުނައިޓެޑްގެ ކޮންޓްރެކްޓް އާ ކުރުން ޑެހެއާ ފަސްކޮށްފި

މެންޗެސްޓާ (ސެޕްޓެމްބަރު 2) - މެންޗެސްޓާ ޔުނައިޓެޑާ އެކު ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހަދާފައިވާ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާ ކުރުމަށް އެއްބަސްވެފައިވީ ނަމަވެސް ކޮންޓްރެކްޓްގައި ސޮއިކުރަން އޭނާ ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 28 އަހަރުގެ ޑެހެއާ މި ސީޒަން ފެށުމުގެ ކުރިން ވަނީ ޔުނައިޓެޑާ އެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފަ އެވެ. އޭނާ މި ވަގުތު ޔުނައިޓެޑުގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ޑެހެއާ ހޯދަން ރެއާލް މެޑްރިޑާއި ޕީއެސްޖީން އަދި ޔުވެންޓަސް އިން ވެސް މަސައްކަތްކުރި އެވެ.

ޑެހެއާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމާ މެދު ވޭތުވެދިޔަ އަހަރެއްހާ ދުވަހު އެއްބަސްނުވެވި އޮތީ މުސާރައަކާ މެދު އެވެ. ރިޕޯޓްތައް ބުނާގޮތުން ޑެހެއާ ޔުނައިޓެޑުގެ އެއްބަސްވުން އާ ކުރަން ފުރަތަމަ މަޝްވަރާކުރީ ހަފުތާ އަކު 470،000 ޑޮލަރަށެވެ. އެ ގޮތަށް އެއްބަސްވެ މި މަހުގެ ތެރޭގައި ޑެހެއާ އާ ކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށް ބެލެވުނެވެ.

އެކަމަކު ފަހުން ޑެހެއާ އަށް ހުށަހެޅި އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ނިންމީ މި ފަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާތީ ޔުނައިޓެޑް ކުޅުންތެރިންނަށް ދޭ ބައެއް ބޯނަސްތަކުގެ 25 އިންސައްތަ މަދުކުރަން ޔުނައިޓެޑްގެ ބޯޑުން ހުށަހެޅުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑެހެއާގެ ވިސްނުން މިހާރު ހުރީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ޔުނައިޓެޑާ އެކު އިތުރު މަޝްވަރާތަކެއް ކުރުމަށް ފަހު ކޮންޓްރެކްޓްގައި ސޮއިކުރުމަށެވެ. ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ބައެއް މެޗުތަކުގައި ކުޅެމުން އަންނަ ޑެހެއާ ބޭނުންނަމަ ޖެނުއަރީ މަހު އެހެން ކްލަބަކާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރުމުގެ އިހުތިޔާރު ވެސް އެބައޮތެވެ.

ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ގޯލްކީޕަރު 2011 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވީއްސުރެ އަންނަނީ އެއް ފެންވަރެއްގައި ކުޅެމުންނެވެ. ޑެހެއާ 2015 ވަނަ އަހަރު ރެއާލަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވި އެވެ. އެކަމަކު ޓްރާންސްފާ މުއްދަތު ހަމަވިއިރު ލިޔެކިޔުންތައް ފޮނުވާނުލެވުމުން އެކަން ކާމިޔާބުނުވީ އެވެ. ރެއާލުން އަލުން ޑެހެއާ އަށް ބިޑްނުކުރަން ނިންމީ އެ ޓީމުގައި މިހާރު ހުރި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ މެދު ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ހިތްހަމަޖެހޭތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޑެހެއާ ހޯދުމުގެ ރޭހުގައި މި ވަގުތު އެންމެ ބުރަކޮށް މަސައްކަތްކުރާ ޓީމަކީ ޕީއެސްޖީ އެވެ. ޕީއެސްޖީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިތުރު ކީޕަރެއް ހޯދަން މަސައްކަތްކޮށްފަ އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގައި ފުލަމް އަށް ކުޅުނު ސެވިއްޔާގެ ސްޕެއިން ކީޕަރު ސާޖިއޯ ރިކޯ ގެންގޮސްފަ އެވެ. އަދި ޕީއެސްޖީން އަންނަނީ ރެއާލުގެ ކޮސްޓަ ރިކާ ގޯލްކީޕަރު ކޭލޯ ނަވާސް ގެންދަން މަސައްކަތްކުރަމުންނެވެ.

ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފިނަމަ އެ ޓީމުން ބޭނުންވާ ކީޕަރުންގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑްގެ ގޯލްކީޕަރު ސްލޮވީނިއާގެ ޔެން އޮބްލަކް އެވެ. އަދި ޑިނަމޯ ޒަގްރެބްގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް އަކީ ވެސް ޔުނައިޓެޑުން ފާރަލަމުން އަންނަ ކީޕަރެކެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ޔުނައިޓެޑްގެ އިނގިރޭސި ކީޕަރު ޑީން ހެންޑަސަން ވެސް ވަނީ ޔުނައިޓެޑްގެ އެއް ވަނަ ކީިޕަރަކަށް ވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި މި ވަގުތު ޔުނައިޓެޑްގެ ދެ ވަނަ ކީޕަރަކަށް ހުރި ސާޖިއޯ ރޮމޭރޯ ވެސް ކްލަބް ބަދަލުނުކުރީ ޔުނައިޓެޑްގައި އޭނާގެ މަގާމަށް ވާދަކުރުމަށެވެ.