އެންރިކޭ އަންނަން ބޭނުންވެއްޖެ ނަމަ މަގާމް ދޫކޮށްލާނަން: ސްޕެއިން ކޯޗު

މެޑްރިޑް (ސެޕްޓެމްބަރު 4) – ލުއިސް އެންރިކޭ އެނބުރި އަންނަން ބޭނުންވެއްޖެ ނަމަ އުފަލާ އެކު މަގާމުން އެއްކައިރިވާނެ ކަމަށް ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބަޓް މޮރޭނޯ ބުނެފި އެވެ.


ސްޕެއިނުގެ ކޯޗުގެ މަގާމް 11 މަސް ދުވަސް ވަންދެން ފުރި އެންރިކޭ ޖޫން މަހު އިސްތިއުފާ ދިނީ، އޭނާގެ ދަރިފުޅަށް ކަށީގެ ކެންސަރު ޖެހުމުންނެވެ. އުމުރުން ނުވަ އަހަރުގެ ޒާނާ، އެ ބަލީގައި މަރުވިކަން އެންރީކޭ ވަނީ މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ.

އެންރީކޭގެ އެސިސްޓަންޓަކަށް މަސައްކަތްކުރި މޮރޭނޯ އަށް ކޯޗުކަން ފުރަތަމަ ދިނީ ވަގުތީ ގޮތުންނެވެ. އެކަމަކު ފަހުން ވަނީ ދާއިމީ ކޯޗުކަން ދީފި އެވެ.

ޔޫރޯ ކޮލިފައިންގައި މާދަމާ ރޫމޭނިއާއާ ދެކޮޅަށް އަދި އާދީއްތަ ދުވަހު ފެރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން އަންނަ މޮރޭނޯ ބުނީ ޒާނާގެ މަރާ އެކު، މިއީ ވަރަށް އުނދަގޫ ހަފުތާއެއް ކަމަށެވެ.

"ވަރަށް ދަތި، އުނދަގޫ މި ހާލަތުގައި ޒައްރެއްގެ މިންވަރުގެ އުފަލެއް ނަމަވެސް ގެނެވޭތޯ އަހަރެމެން މަސައްކަތްކުރާނަން. އެއީ ޓީމެއްގެ ގޮތުގައި އަހަރެމެންނަށް މިވަގުތު ކުރެވެން އޮތް ކަމަކީ،" މޮރޭނޯ ބުންޏެވެ.

އޭނާ ބުނީ އެންރީކޭ އަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ހުރިހާ ކަމަކަށް ވުރެ އިސްކަންދޭނީ އެ ގުޅުމަށް ކަމަށެވެ.

"އޭނާ އެނބުރި އަންނަން ބޭނުންވެއްޖެ ނަމަ އެއްފަރާތަކަށް ޖެހި އޭނާއާ އެކު މަސައްކަތްކުރަން އަހަރެން ހުންނާނީ އުފަލާ އެކު ތައްޔާރުގައި،" މޮރޭނޯ ބުންޏެވެ.

ސްޕެއިން ގައުމީ ޓީމުގެ އިތުރުން ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އެންރީކޭ ސްޕެއިނުގެ ކޯޗުކަމާ މިދިޔަ އަހަރު ހަވާލުވީ ބާސެލޯނާ އަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު އެވެ. އޭނާ ވަކިވާން ޖެހުނީ ސްޕެއިނުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަނިކޮށެވެ.