ޗޭން އަށް ޗެމްޕިއަންސް ލީގުން ފުރުސަތެއް ނެތް

ހެމްބާގް (ސެޕްޓެމްބަރު 5) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖަށް ޔުވެންޓަސް އިން އެކުލަވައިލި 22 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ނުލިބުމުން ހައިރާންވެ، ރުޅިގަދަވެދައިވާ ކަމަށް ޖަރުމަން މިޑްފީލްޑަރު އެމްރެ ޗޭން ބުނެފި އެވެ.


ލިވަޕޫލް ދޫކޮށް ހިލޭ ޓްރާންސްފާއެއްގެ ދަށުން މިދިޔަ އަހަރުގެ ޖޫން މަހު ޔުވެންޓަސްއާ ގުޅުނު ޗޭން ވަނީ މަސިމިލިއާނޯ އެލެގްރީގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންވެ އާ ކޯޗު މައުރީޒިއޯ ސާރީއާ އެކު ވެސް އޭނާ އަށް ފުރުސަތުތަކެއް ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ޗޭން އަށް ފުރުސަތު ގެއްލުނުކަން ޔުވެންޓަސް އިން އެންގީ ޔޫރޯ ކޮލިފައިންގައި ޖަރުމަނުން މާދަމާރޭ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ޖަރުމަން ކޭމްޕުގައި ހުއްޓަ އެވެ. ޖަރުމަނުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިއީ ވަރަށް ބޮޑު ޝޮކެއް ކަމަށާއި އެންމެ ބޮޑު ސަބަބަކީ މިދިޔަ ހަފުތާގައި އޭނާ ގާތުވީ ވައުދުވި ގޮތާ ހިލާފަށް ކަންކަން ދިއުން ކަމަށެވެ.

"އެހެން ކްލަބްތަކާ އެކު ވާހަކަތަކެއް ކުރިއަށްދިޔަ. އަދި އަހަރެން ކްލަބުގައި މަޑުކުރުމުގެ އެއް ޝަރުތަކަށްވީ ޗެމްޕިއަންސް ލީގުގެ ސްކޮޑުން ޖާގަ ލިބުން،" އިހަށް ދުވަހު ނިމުނު ޓްރާންސްފާ ބާޒާރަށް އިޝާރާތްކޮށް ޗޭން ބުންޏެވެ.

ޗޭން ބުނީ ސްކޮޑުން ފުރުސަތު ނެތް ވާހަކަ ބުނީ މިނެޓަކަށް ވެސް ދެމިގެންނުދިޔަ ފޯންކޯލަކުން ކަމަށާއި އޭނާ އަށް ފުރުސަތު ނުލިބުނީ ކީއްވެ ކަމެއް ކިޔާނުދޭ ކަމަށެވެ. އަދި މިދިޔަ ސީޒަނުގައި ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި މޮޅަށް ކުޅެފައިވަނިކޮށް މިހެންވުމުން ރުޅިގަދަވެފައިވާ ކަމަށާއި ގައުމީ ޓީމުގެ މެޗުތަކަށް ފަހު އެނބުރި ޓިއުރިން އަށް ގޮސް ކްލަބާ އެކު ވާހަކަތައް ބާއްވާނެ ކަމަށް ބުންޏެވެ.

ފަހުން ޗޭން ވަނީ ޓްވީޓަކުން ބަޔާނެއް ނެރެ މައްސަލަ ކުޑަކޮށް ހިހޫކޮށްލައިފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ކްލަބާ ގުޅުނު ހިސާބުން ފެށިގެން ލިބެމުން އަންނަ ސަޕޯޓް އަބަދުވެސް ބަލައިގަންނާނެ ކަމަށެވެ. އަދި އޭނާ އަބަދުވެސް އެބަޔެއްގެ ކާމިޔާބީ އަށް އެންމެ އިސްކަންދޭ ޔުވެންޓަސް އާއި އެ ކްލަބުގެ ކުޅުންތެރިންނަށް ކުރާ އިހުތިރާމެއްގެ ސަބަބުން އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށާއި ދަނޑުމަތީގައި މަސައްކަތްކުރުމައިގެން ދެމި ހުންނާނެ ކަމަށް ބުންޏެވެ.

ޗޭންގެ އިތުރުން ފުރުސަތު ނުލިބުނީ ފޯވާޑް މާރިއޯ މަންޒުކިޗާއި އަނިޔާގައި ހުރި ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އަށެވެ. ޗޭންގެ ބަދަލުގައި ފުރުސަތު ދިނީ އާސެނަލުން ހިލޭ ޓްރާންސްފާއެއްގައި ގުޅުނު އާރޮން ރަމްސޭ އަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔުވެންޓަސް ވާދަކުރަން ޖެހެނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބެޔާ ލެވަކޫސަން އަދި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯއާ އެއް ގްރޫޕެއްގަ އެވެ.