އާޖެންޓީނާގެ ޓީމެއްގެ ކޯޗުކަމާ މަރަޑޯނާ ހަވާލުވެއްޖެ

ބީނޯޒް އޭރީޒް (ސެޕްޓެމްބަރު 7) – އާޖެންޓީނާގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ޖިމްނާސިއާގެ ކޯޗުކަމާ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ހަވާލުވެއްޖެ އެވެ.


ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން މަރަޑޯނާ އެންމެ ފަހުން ކޯޗުކޮށްދިން މެކްސިކޯގެ ދެ ވަނަ ޑިވިޝަން ކްލަބް ޑޮރަޑޮސް ޑި ސިނަލޯގެ ކޯޗުކަމުން އިސްތިއުފާދިނީ މިދިޔަ ޖޫން މަހު އެވެ. އުމުރުން 58 އަހަރުގެ މަރަޑޯނާ އާޖެންޓީނާ ލީގުގެ އެންމެ ފުލުގައި އޮތް ޖިމްނާސިއާގެ ކޯޗުކަމާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ.

މަރަޑޯނާ ޓީމުގެ ކޯޗަކަށް ހަމަޖެއްސުމަށް ފަހު ޖިމްނާސިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑަކު އެ ޓީމާ ހަވާލުވުމަކީ އެ ކްލަބް ކުރިއަށް ގޮސް މިހާރު އޮތް ހާލަތު ބަދަލުކުރަން ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

މަރަޑޯނާ ވަނީ އޭނާ އަށް އިތުބާރުކޮށް ޖިމްނާސިއާ އިން ހަވާލުކުރި ވަޒީފާ އެންމެ ފުރިހަމަ އަށް އަދާކުރަން ބޭނުންވާ ކަމަށާއި ސަޕޯޓަރުންނަށް އުފާފާޅުކުރެވޭނެ ފަދަ ރަނގަޅު ނަތީޖާތަކެއް އެ ކްލަބްގައި ހުރެ ނެރެދޭން ބޭނުންވާ ކަމަށެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން މަރަޑޯނާ އަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ލެޖެންޑެކެވެ. ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ނިންމާލާފައިވީ ނަމަވެސް މަރަޑޯނާގެ ކޯޗިން އަދި އެންމެ ފުރިހަމައެއް ނޫނެވެ.

ޑޮރަޑޮސްއާ މަރަޑޯނާ ހަވާލުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ޓީމު މެކްސިކޯ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދޭން އަމާޒުހިފި މަރަޑޯނާ އަށް އެކަން ކާމިޔާބުނުވީ މިދިޔަ މެއި މަހު ކުރީކޮޅުގައި ކުޅުނު ޕްލޭއޮފް މެޗުން ބަލިވުމުންނެވެ. ޔޫއޭއީގެ އަލް ފުޖައިރާ އިން މިދިޔަ އަހަރު އޭޕްރިލް މަހު މަރަޑޯނާ ވަކިވީ ވެސް އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްނުދެވުމުންނެވެ. އޭނާ އަށް އާޖެންޓީނާގެ ގައުމީ ކޯޗުކަން 2008 އިން 2010 އަށް ލިބުނު ނަމަވެސް، މާބޮޑު ކަމެއް ނުކުރެވުނެވެ. އެގޮތުން ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނާ އެކު ފޭވަރިޓުންގެ ގޮތުގައި ނުކުމެ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ކެޓީ އެވެ.