ބާސެލޯނާ ދޫކޮށްލަން މެސީ އަށް ހާއްސަ އިހުތިޔާރެއް

ބާސެލޯނާ (ސެޕްޓެމްބަރު 7) - ލިއޮނަލް މެސީ ބޭނުންނަމަ އޭނާ އަށް މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލުމުގެ ހާއްސަ އިހުތިޔާރެއް ކޮންޓްރެކްޓްގެ ތެރެއިން ލިބޭ ކަމަށް އެ ޓީމުން ބުނެފި އެވެ.


އުމުރުން 32 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު އެވެ. އެކަމަކު އެ އެއްބަސްވުމުގައި ވާގޮތުން މި ސީޒަނަށް ފަހު މެސީ ބޭނުންނަމަ އޭނާ އަށް އެ ކްލަބް ދޫކޮށްލަން ފުރުސަތު އެބައޮތެވެ. އެކަމަކު ބާސެލޯނާ އިން އަންނަނީ މެސީގެ އެއްބަސްވުން އާ ކުރަން މަސައްކަތްކުރަމުންނެވެ.

މެސީ 2017 ވަނަ އަހަރު ބާސެލޯނާގެ އެއްބަސްވުން އާ ކުރިއިރު، އެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އޭނާ ހޯދަން އެހެން ކްލަބަކުން މަސައްކަތްކުރާނަމަ 700 މިލިއަން ޔޫރޯ (773 މިލިއަން ޑޮލަރު) ދައްކަންޖެހެ އެވެ. އެކަމަކު މެސީ އަށް އޮތް އިހުތިޔާރުގެ ސަބަބުން ބޭނުންވުމުން ކްލަބް ދޫކޮށްލެވެ އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވީ އެއީ މީގެ ކުރިން ޒަވީ ހެނާންޑޭޒް އާއި އަންދްރެސް އިނިއެސްޓާ އަދި ކާލޮސް ޕުޔޯލްއާ އެކު ވެސް ބާސެލޯނާ އިން ސޮއިކުރި އެންމެ ފަހުގެ އެއްބަސްވުމުގައި ހިމެނި މާއްދާއެއް ކަމަށެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ބާސެލޯނާގައި ކެރިއަރު ނިންމާލީ ޕުޔޯލް އެކަންޏެވެ.

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ މެސީ އަށް ކްލަބް ދޫކޮށްލެވޭ ގޮތަށް އޮތް ނަމަވެސް އެކަމާ މެދު އެހާ ބޮޑަށް ނުވިސްނާ ކަމަށެވެ.

ބާސެލޯނާގެ ރައީސް ބާޓޮމެއު (ކ) އާއި މެސީ

"މި ކްލަބަށް މެސީ ކޮށްދީފައިވާ ހިދުމަތްތަކަށް ބަލާއިރު އޭނާ ވަނީ މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގެ ހައްގު ހޯދާފައި. އަހަރެމެން މެސީ ނިންމާ ގޮތަކަށް ނިންމުމަށް އިހުތިރާމްކުރަންޖެހޭ. މެސީ ބާސެލޯނާގައި ހުންނާނެ،" މެސީއާ ގާތްގުޅުމެއް އޮންނަ ޕީކޭ ބުންޏެވެ.

ފޯބްސް އިން ޖޫން މަހު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުޅިވަރު ކުޅުންތެރިއަކީ މެސީ އެވެ. އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ އިން މި ހިސާބުތައް ޖަހާފައިވަނީ މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން މިދިޔަ އަހަރުގެ ޖޫން އިން މި އަހަރުގެ ޖޫންގެ ނިޔަލަށް ކުޅުންތެރިންނަށް ލިބޭނެ އާމްދަނީ އެއްކޮށްގެންނެވެ. އެގޮތުން ބަލާއިރު މެސީ އަށް އެ މުއްދަތުގައި 127 މިލިއަން ޑޮލަރު ލިބުނެވެ.

ބާސެލޯނާގެ ކެޕްޓަން މެސީ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި ސީޒަނުގައި އަދި ނުކުޅެ އެވެ. އެކަމަކު މެސީ ވަރަށް އަވަހަށް ޓީމަށް އެނބުރި އަންނާނެ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ދާދި ފަހުން ވަނީ ބުނެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާއިރު މެސީ ހުންނާނީ އެއްކޮށް ފިޓްކޮށް ކަމަށް ބުންޏެވެ.