ޓީވީ ރައިޓްސް އިން އެންމެ ބޮޑު އާމްދަނީއެއް ލިވަޕޫލަށް

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 9) - ޓީވީ ރައިޓްސް ޑީލްތަކުގެ ތެރެެއިން މިދިޔަ ސީޒަނުގައި ޔޫރަޕްގައި އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ކްލަބަކީ ލިވަޕޫލް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ސްވިޒަލެންޑްގެ ފުޓްބޯޅައިގެ ވިޔަފާރި ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ސްވިސް ރެމްބަލް އިން ރިޕޯޓްކުރާގޮތުގައި ލިވަޕޫލުން ވަނީ މިދިޔަ ސީޒަނުގައި ޓީވީ ރައިޓްސްގެ ޑީލްތަކުގެ ތެރެއިން އާމްދަނީގެ ގޮތުގައި 186.6 މިލިއަން ޑޮލަރު ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔައީ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމުން ވަނީ 185.4 މިލިއަން ޑޮލަރު ހޯދައިފަ އެވެ. ލިވަޕޫލަށް އެހާ ބޮޑު ފައިދާއެއްވީ އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކޮށްފައިވާތީ އެވެ. ސިޓީ އަށް ފައިދާކުރީ އިނގިރޭސި ހުރިހާ މުބާރާތެއް ކާމިޔާބުކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ވާދައެއް ކުރުމުންނެވެ.

ލިސްޓުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހަ ކްލަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކެވެ. ލިވަޕޫލާއި ސިޓީގެ އިތުރުން ދެން ހިމެނެނީ ޗެލްސީ، ޓޮޓެންހަމް، މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަ ކްލަބަށް ފަހު ޓީވީ ރައިޓްސް އިން ދެން ޔޫރަޕުން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ބާސެލޯނާ އަށެވެ. އެ ޓީމަށް 159.6 މިލިއަން ޑޮލަރު ލިބުނެވެ. ލިސްޓުގައި ރެއާލް މެޑްރިޑް ލައްވާލީ 10 ވަނައިގަ އެވެ. އެ ޓީމަށް ވަނީ 153.4 މިލިއަން ޑޮލަރު ލިބިފަ އެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ލިބިފައިވަނީ 107.5 މިލިއަން ޑޮލަރެވެ. އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ލިބުނީ 93.9 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ ސީޒަނާ އަޅާބަލާއިރު، 20 މިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އަށް ލިބުނު މި ކުރި އެރުމަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ބަދަލުވުމުން ލިބުނު ކުރިއެރުމެކެވެ.

ސްވިސް ރެމްބަލްގެ ރިޕޯޓްގައިވާގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް މިދިޔަ ސީޒަނުގައި ޓީވީ ރައިޓްސް ޑީލްގެ ތެރެއިން ލިބުނު އެވްރެޖް އާމްދަނީ އުޅެނީ 151 މިލިއަން ޑޮލަރުގަ އެވެ. ސްޕެނިޝް ލީގުގެ ކްލަބްތަކަށް 68.7 މިލިއަން ޑޮލަރުގެ އެވްރެޖް ޓީވީ އާމްދަނީއަކަށް ރެކޯޑް ކުރެވުނުއިރު، އިޓާލިއަން ލީގާއި ޖަރުމަނު ބުންޑަސްލީގާގެ ކްލަބްތަކަށް ލިބޭ ޓީވީ އާމްދަނީ އުޅެނީ އެވްރެޖްކޮށް 63.8 މިލިއަން ޑޮލަރުގަ އެވެ. އަދި ފްރެންޗް ލީގުގެ ކްލަބްތަކަށް ލިބޭ ކަމަށް ރެކޯޑް ކުރެވިފައިވާ އެވްރެޖް ޓީވީ ރައިޓްސް އާމްދަނީ އަކީ 33.1 މިލިއަން ޑޮލަރެވެ.

އިނގިރޭސި ޕްރިިމިއާ ލީގުގެ ކްލަބްތަކާއި ޔޫރަޕްގެ އެހެން ލީގުގެ ކްލަބްތަކާ މިހާ ބޮޑު ފަރަގެއް އޮތީ މީގެ ދެ އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުން ސޮއިކުރި ބިލިއަން ޑޮލަރުގެ އަގުހުރި ޓީވީ ރައިޓްސް އެއްބަސްވުންތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ އޯޑިއަންސްތައް އޮންނަ ސަރަހައްދުތަކުގައި ބޮޑަށް ދައްކަންޖެހޭނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކެވެ. އަދި ޕްރިމިއާ ލީގުގެ މެޗުތަކަށް ޓީވީ ބްރޮޑްކާސްޓަރުންގެ ހާއްސަ އިހުތިޔާރެއް އޮންނަން ލާޒިމްކުރުމުން އެހެން ލީގުތަކުން ޖެހުނީ މެޗުތައް ދައްކަން އާ ގޮތްތަކެއް ހޯދާށެވެ. އެ ގޮތުން ސްޕެނިޝް ލީގުން އެ މަސައްކަތް ފެށީ ފޭސްބުކް މެދުވެރިކޮށް މެޗުތައް ދައްކައިގެން އާމްދަނީ އިތުރުކުރާށެވެ.

ޔޫރަޕްގެ އެހެން ލީގުތަކުން އަންނަނީ ޓީވީ ރައިޓްސް ޑީލްތަކުން ލިބޭ އާމްދަނީ އިތުރުކުރަން ތަފާތު ގޮތްގޮތުން މަޝްވަރާކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ބައްރުތަކުގައި ތަފާތު އުސޫލުން މެޗުތައް ދެއްކޭނެ ގޮތްތައް ހޯދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.