ޔުނައިޓެޑުގެ ހުށަހެޅުމަށް ޑީބަލާ ދެކޮޅު ހަދައިފި

މެންޗެސްޓާ (މޭ 30) - ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ ތަރި ޕައޮލޯ ޑީބަލާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅުމުން އޭނާ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފި އެވެ.


ޑީބަލާ ހޯދުމަށް މީގެ ކުރިން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ހޯސޭ މޮރީނިއޯ އެ ޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ޑީބަލާ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ޑީބަލާ ގެންނަން އޭނާއާ ވާހަކަ ދެއްކުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ޑީބަލާ ޔުނައިޓެޑާ ވާހަކަ ދައްކަން ދެކޮޅު ހެދި އެވެ.

ޑީބަލާ ވިއްކާލުމުގެ ވިސްނުމެއް ނެތް

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ވަނީ މިދިޔަ ހަފްތާގައި ޑީބަލާ އަށް 35 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފަ އެވެ. އެހެން ނަމަވެސް ޔުވެންޓަސް އިން ވަނީ ޑީބަލާ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށް ބުނެފަ އެވެ.

ޔުވެންޓަސް އަށް ސޮއިކުރުމަށް ފަހު ޑީބަލާ އެ ޓީމުގެ ޖާޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު ޕަލާމޯ ދޫކޮށް އުމުރުން 22 އަހަރުގެ ޑީބަލާ ޔުވެންޓަސް އަށް ބަދަލުވީ 33 މިލިއަން ޕައުންޑަށެވެ. މި ސީޒަނުގައި ޔުވެންޓަސް އިޓަލީ ލީގާއި އިޓަލިއަން ކަޕް ކާމިޔާބުކުރިއިރު ޑީބަލާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ފުރަތަމަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅެދިން 34 މެޗުން 21 ލަނޑު ޖަހައި ނުވަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޔުވެންޓަސް އިން އަންނަނީ ޑީބަލާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ބޮޑު މުސާރަ އެއް އޭނާ އަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ނިންމާފައިވަނީ ޑީބަލާ އަށް އެޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއާ އެއްވަރުގެ މުސާރައެއް ދިނުމަށެވެ. ޕޮގްބާ އަކީ ޔުވެންޓަސްގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އެވެ.