ގައުމީ ޓީމަކާ މި ވަގުތު ހަވާލެއްނުވާނަން: މޮރީނިއޯ

މެޑްރިޑް (ސެޕްޓެމްބަރު 13) - އޭނާ ދެން ވެސް ވިސްނުން ހުރީ ކްލަބަކާ ހަވާލުވުމަށް ކަމަށާއި މި ވަގުތު ގައުމީ ޓީމެއްގެ ކޯޗުކަމަށް ދިއުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެ ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


މިދިޔަ ޑިސެމްބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ މަސައްކަތްކުރަމުން އަންނަނީ ބީން ސްޕޯޓްސް އާއި ރަޝިއާ ޓުޑޭ (އާރްޓީ)ގެ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. އެ މުއްދަތުގެ ތެރޭގައި މޮރީނިއޯ އަށް އެކި ޓީމުތަކުން ހުށަހެޅުން ލިބުނެވެ. އޭގެ ތެރޭގައި ރޯމާ، ބެންފީކާ އަދި ލިޔޯން ހިމެނެ އެވެ. އަދި ޗައިނާގެ ސުޕަ ލީގުގެ ގުއަންޒޫ އެވަގްރާންޑޭ އިން އުމުރުން 56 އަހަރުގެ މޮރީނިއޯ އަށް ހުށަހެޅި ދެ އަހަރު ދުވަހު ކޮންޓްރެކްޓްގެ އަގު މުސާރަ އާއި ބޯނަހުގެ ގޮތުގައި 100 މިލިއަން ޔޫރޯ (112 މިލިއަން ޑޮލަރު) އަރާއިރު އެ އަށް ވެސް މޮރީނިއޯ ވަނީ ނޫނެކޭ ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ގިނަ އަހަރުތަަކަކަށް ފަހު ފުޓްބޯޅަ ސީޒަނެއް ފަށައިގެން ކުރިއަށްދާއިރު ޓީމެއްގެ ކޯޗެއްގެ ގޮތުގައި ނެތި ސަޕޯޓަރެއްގެ ރޯލުގައި ހުންނަން ޖެހުމުން ކުރެވޭ އިހުސާސް މުޅިން ތަފާތު ކަމަށެވެ.

"އަހަންނަށް މިއީ ތަފާތު ތަޖުރިބާއެއް. އެކަމަކު މިއީ ވެސް ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި ދެކެން. އަހަރެން މިހުރީ ޓީމަކާ ވަރަށް ހަވާލުވާން ބޭނުންވެފައި،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ގައުމީ ޓީމުތަކެއްގެ ހުށަހެޅުން ލިބުނު ނަމަވެސް ދޫކޮށްލީ ސަަބަބުތަކެއް އޮތުމުން ކަމަށެވެ.

"އަހަރެން ވިސްނިން ގައުމީ ޓީމަކާ ހަވާލުވާން ވެސް. އެކަމަކު އެ ފަދަ ކަމަކަށް ވިސްނޭނީ އަދި ދިހަ ވަރަކަށް އަހަރު ފަހުން. ޓީމެއް ގޮވައިގެން ޔޫރޯގައި ނޫނީ ވޯލްޑް ކަޕެއްގައި ތަޖުރިބާ ކޮށްލަން ބޭނުން. އެކަމަކު މިއީ އެ ވަގުތެއް ނޫން. މި ވަގުތު ބޭނުމީ ކްލަބަކަށް ދާން. އެއީ ދެ އަހަރު ތެރޭގައި ކޮލިފައިންއާ އެކުވެރިކަމުގެ މެޗުތަކެއްގައި ގައުމީ ޓީމެއްގައި ހުންނަން އަދި އުނދަގޫވާނެ. ކޮންމެ ދުވަހެއްގައި ޗެލެންޖިން މަސައްކަތެއް ކުރަން މި އުމުރުގައި ބޭނުންވަނީ،" މަޝްހޫރު ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

މި ސީޒަން ނިމުމުގެ ކުރިން ކްލަބަކާ ހަވާލުވެދާނެތޯ ސުވާލުކުރުމުން މޮރީނިއޯ ބުނީ އެކަން އެ ގޮތަށް ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

"މިހާރުގެ ހާލަތުތަކަށް ބަލާއިރު ޖެނުއަރީގައި ޓީމަކާ ގުޅެން ބޭނުމެއް ނޫން. އަހަންނަށް އެންމެ ރަނގަޅު މަސައްކަތެއް ކުރެވޭނީ ސީޒަނެއް ފަށާއިރު ޓީމެއްގައި ހުރެގެން. އެކަމަކު ކަންތައްތައް ދާނެ ގޮތެއް ނޭނގޭ." މޮރީނިއޯ ބުންޏެވެ.

ބާސެލޯނާގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މޮރީނިއޯ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށީ 2000 ވަނަ އަހަރު ބެންފީކާ އިންނެވެ. އެކަމަކު ގިނަ ބަޔަކަށް މޮރީނިއޯ ފާހަގަވާން ފެށީ ޕޯޓޯއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 2004 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވަނީ އިންޓަ މިލާނާއި ރެއާލް މެޑްރިޑާ އެކު ވެސް ކާމިޔާބީތަކެއް ހޯދައިފަ އެވެ. ދެ ވަނަ ފަހަރަށް ޗެލްސީ އަށް ކޯޗުކޮށްދިނުމަށް ފަހު އެންމެ ފަހުން މޮރީނިއޯ ފެނުނީ ޔުނައިޓެޑްގެ ބެންޗުންނެވެ.

މޮރީނިއޯ ބުނީ އޭނާގެ ކެރިއަރުގައި އެންމެ ގިނަ ކަންތައްތަކެއް ދަސްވެ އެކި ގޮތްގޮތުން ބަލާއިރު އެންމެ ހިތްހަމަޖެހޭ މަސައްކަތެއް ކުރެވުނީ ރެއާލުގައި ކަމަށެވެ. އަދި އެކަން އޭނާ މުޅި އުމުރުގައި ވެސް ހަނދާންކުރާނެ ކަމަށް ބުންޏެވެ.