ސްޓާލިން އަކީ މެސީ އާއި ރޮނާލްޑޯ ލެވެލެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (ސެޕްޓެމްބަރު 14) - ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ލެވެލަށް އަދި މެންޗެސްޓާ ސިޓީގެ ތަރި ރަހީމް ސްޓާލިން ނުދާ ކަމަށާއި އެ ފަދަ ވާހަކަތަކަށް ސަމާލުކަން ނުދޭން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެދިއްޖެ އެވެ.


ފަހަކަށް އައިސް ސިޓީ އާއި އިންގްލެންޑްގައި ސްޓާލިން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އިނގިރޭސި މީޑިއާގައި އަންނަނީ އޭނާ އަކީ މެސީ އާއި ރޮނާލްޑޯގެ ލެވެލްގައި ހުރި ކުޅުންތެރިޔެއް ކަމަށް ބުނެ އަޑުފަތުރަމުންނެވެ. އެކަމަކު ގާޑިއޯލާ ބުނީ އެކަމަށް އެއްބަސްވެވޭނެ އެއްވެސް ޖާގައެއް އަދި ނެތް ކަމަށެވެ.

"މެސީ އާއި ރޮނާލްޑޯއާ އަޅާކިޔޭނެ ފެންވަރުގެ އެއްވެސް ކުޅުންތެރިޔަކު އަދި ނެތް. އަހަންނަށް ނޭނގެ ސްޓާލިއަން އަކީ އިންގްލެންޑްގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމެއް ވެސް. އަހަރެންގެ ކޯޗުކަމުގައި ސްޓާލިން އަންނަނީ ވަރަށް މޮޅަށް ކުޅެމުން. އެކަމަކު މެސީއާ ރޮނާލްޑޯ އަކީ ފުޓްބޯޅައިގައި ދެ ވަނަ އެއް ނެތް ކުޅުންތެރިން. އެ ފެންވަރަށް ދާން ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ،" މެސީ އަށް ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދައިދޭން އެހީތެރިވެދިން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ އުމުރުން 24 އަހަރުގެ ސްޓާލިން އަށް އެފަދަ ގޮތަކަށް ތައުރީފުކޮށްގެން އޭނާ އަށް ނުރަނގަޅު ޕްރެޝަރުތަކެއް އައިސްފާނެ ކަމަށާއި އެކަމަކު ސްޓާލިންގެ ކިބައިގައި އެ ފަދަ ކަންތައްތަކާ ކެރިގެން ކުރިމަތިލެވޭނެ ފެންވަރު އެބަހުރިކަމަށް ބުނެފަ އެވެ.

އަނިޔާގެ ސަބަބުން ސިޓީ އަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ގެއްލުމަކީ ސިޓީ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެކެވެ. އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނީ މަދުވެގެން ފަސް މަހަށް ފަހު އެވެ.

ގާޑިއޯލާ ބުނީ އެންމެ ފަހުން ދެ ފަހަރު ވެސް ޕްރިމިއާ ލީގުގެ ތަށި އުފުލާލާފައިވާ ސިޓީ އަށް މި ފަހަރު ވަރަށް ޕްރެޝަރު ބޮޑު ކަމަށާއި އެކަމަކު މިހާތަނަށް އަދި ލީގުގައި ނިމިފައިވަނީ ހަތަރު މެޗު ކަމަށްވުމުން އަދި ރޭހުގައި އޮތީ ވަކި ޓީމުތަކެކޭ ބުނަން އުނދަގޫ ކަމަށެވެ.