އެފްރިކާ ފުޓްބޯޅައިގެ ކޮރަޕްޝަން ހުއްޓުވަން އެޓޫ ނުކުންނަނީ

ޕެރިސް (ސެޕްޓެމްބަރު 14) - އެފްރިކާ ފުޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ އެންމެ މުހިއްމު ކަމަކީ އެ ބައްރުގެ ފުޓްބޯޅައިގައި ޖެހިފައިވާ ކޮރަޕްޝަންގެ ލައްގަނޑު ފިލުވާލުން ކަމަށާއި އެ މަސައްކަތުގައި އިސްކޮށް މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމަށް ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި ކެމަރޫންގެ ކުރީގެ ފޯވާޑް ސެމުއެލް އެޓޫ ބުނެފި އެވެ.


އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ މިހާރު އުމުރުން 38 އަހަރުގެ އެޓޫ ބުނީ ދުނިޔޭގެ މަޝްހޫރު ހުރިހާ ލީގެއްގައި އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިން ކުޅޭއިރު އެ ބައްރުގައި ވަރުގަދަ ލީގެއް ނެތި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް އެކަށޭނެ ކާމިޔާބެއް ނުލިބި އޮތުމަކީ މާޔޫސްކަމެއް ކަމަށެވެ.

"އެފްރިކާ ފުޓްބޯޅައިގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އަހަރެން 19 އަހަރު އެންމެ މަތީ ލެވެލުގައި ފުޓްބޯޅަ ކުޅެފައި ހުއްޓާލަން ޖެހުނުއިރު އެންމެ މާޔޫސްވި އެއް ކަމަކީ މި ބައްރުގެ ފުޓްބޯޅަ އަށް އަހަރެން ބޭނުންވި ބަދަލެއް ގެނެވިފައި ނުވުން. މީގެ ސަބަބަކީ ކޮރަޕްޝަން އޮތުން. އެފްރިކާ ފުޓްބޯޅަ ބަދަލަކާ ދިމާލަށް މިސްރާބު ޖަހާއިރު އެންމެ ފުރަތަމަ ބޭނުމީ ކޮރަޕްޝަނާ ދެކޮޅަށް ތެދުވުން. އެކަމަށް އަހަރެން ތައްޔާރު،" އެޓޫ ކެމަރޫންގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ޔޫރަޕްގެ ގަދަބާރު ރެއާލް މެޑްރިޑުން 1997 ވަަނަ އަހަރު ކެރިއަރު ފެށި އެޓޫ އެ ޓީމަށް ކުޅުނުއިރު ލޯން އެއްބަސްވުމެއްގެ ދަށުން ވަނީ ލެގަނޭސް އާއި އެސްޕަންޔޯލް އަދި މަޔޯކާ އަށް ކުޅެފަ އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ބަދަލުވެ ބޮޑު މަޝްހޫރުކަމެއް ހޯދި އެޓޫ ފަހުން ވަނީ އިޓަލީގެ އިންޓަ މިލާނުގައި ވެސް ކާމިޔާބު ހޯދައިފަ އެވެ. ދެން އޭނާ ފެނުނީ ރަޝިއާގެ އަންޒީ އިންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެވަޓަން އަށް ވެސް ކުޅެފައިވާ އެޓޫ ތުރުކީ ލީގުގެ ދެ ޓީމަކުން ވެސް ފެނުނުއިރު، އޭނާ އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ގަތަރު ސްޕޯޓްސް ކްލަބަށެވެ.

ބާސެލޯނާ މެޗެއްގެ ތެރެއިން އެޓޫ. -- ފޮޓޯ: އޭއެފްޕީ

ކުޅުން ހުއްޓާލުމަށް ފަހު އެޓޫގެ ވިސްނުން ކޯޗިން އަށް ވުރެ ބޮޑަށް ހުރީ ފުޓްބޯޅައިގެ ޕޮލިސީ ލެވެލްގެ މަގާމަކާ ހަވާލުވުމަށެވެ.

އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް)ގެ އިސްލާހީ މަސައްކަތައްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތާ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން މިދިޔަ ޖޫން މަހު ފަށާފައިވާއިރު، އެ ކަމުގެ އިސް ފަރާތަކަށް ހަމަޖެއްސީ ސެނެގާލަށް އުފަން ފީފާގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޫރާ އެވެ. ހަ މަސް ދުވަހަށް މަސައްކަތް ދެމިގެންދާއިރު، ފީފާއިން ގިނަ ބަދަލުތަކެއް ގެންނާނެ އެވެ

ކާފްގެ ރައީސް އަހުމަދު އަހުމަދު ވަނީ އެ ފެޑެރޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތުގައި އެފްރިކާގެ މަޝްހޫރު ކުޅުންތެރިންގެ އެހީތެރިކަން ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އެޓޫގެ އިތުރުން ލައިބީރިއާގެ ރައީސް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިޔާ އަދި އައިވަރީ ކޯސްޓުގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ހިމެނެ އެވެ.

ފާއިތުވި އަހަރުތަކުގައި ފީފާގެ އެތިކްސް ކޮމިޓީން އެންމެ ގިނައިން އަދަބުދިނީ އެފްރިކާ ބައްރުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އިސް އޮފިޝަލުންނަށެވެ.