ބާސާ މޮޅުވިއިރު، 16 އަހަރުގެ ފާޓީ ވިދާލައިފި

ބާސެލޯނާ (ސެޕްޓެމްބަރު 15) – ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އުމުރުން 16 އަހަރު އަންސޫ ފާޓީ ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖަހައި، ވެލެންސިއާ އަތުން 5-2 އިން މޮޅުވާން އެހީތެރިވެދީފި އެވެ.


މެޗުގެ ދެ ވަނަ މިނެޓުގައި ފާޓީ ލަނޑު ޖެހުމުގެ އިތުރުން ހަތް ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮންގް ލަނޑު ޖަހަން މަގުފަހިކޮށްދިނީ ވެސް އޭނާ އެވެ. ގިނީ ބިސާސޫ އަށް އުފަން ފާޓީ ވެފައިވަނީ ސްޕެނިޝް ލީގު މެޗެއްގައި ލަނޑު ޖަހައި އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެވިން ގަމެއިރޯގެ ލަނޑުން ވެލެންސިއާ ތަފާތު ކުޑަކޮށްފައިވަނިކޮށް ބާސެލޯނާ އަށް ދެ ވަނަ ހާފުގައި ލުއިސް ސުއަރޭޒް ދެ ލަނޑު އަދި ޖެރާޑް ޕީކޭ ލަނޑެއް ޖަހައި ތަފާތު ބޮޑުކޮށްދިނެވެ. ވެލެންސިއާގެ ފަހު ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައި މެކްސިމިލިއާނޯ ގޯމޭޒެވެ.

މި މޮޅާ އެކު، ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައި ބާސެލޯނާ އޮތީ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އޮތީ ރޭ ރެއާލް ސޮސެއިޑާޑް އަތުން 2-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑެވެ. ލެވަންޓޭ އަތުން 3-2 އިން މޮޅުވި ރެއާލް މެޑްރިޑް އޮތީ އަށް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ތިން ވަނައިގައި އޮތީ އެތުލެޓިކް ބިލްބާއޯ އެވެ.

ލެވަންޓޭ އަތުން ރޭ ރެއާލް މެޑްރިޑް މޮޅުވި މެޗުގައި، އެ ޓީމަށް މި ސީޒަނުގައި ބޮޑުއަގުގައި ގެނައި ޕްލޭމޭކަރު އެޑެން ހަޒާޑް ވަނީ ކުޅެފަ އެވެ. ކުރީ ތިން މެޗުގައި އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު ހަޒާޑް ރޭ އެރީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ފުރަތަމަ ހާފުގައި ކަރިމް ބެންޒެމާގެ ދެ ގޯލާއި ކަސެމިރޯގެ ގޯލުން ރެއާލް މެޑްރިޑް ތިން ލަނޑުގެ ލީޑެއްގައި އޮއްވާ ލެވަންޓޭ އިން ދެ ވަނަ ހާފުގައި ދެ ގޯލް ޖެހި އެވެ. އެކަމަކު މެޑްރިޑް ވަނީ ނަތީޖާ ހިފަހައްޓައިފަ އެވެ.