ސަޕޯޓަރުން ހަޅުތާލުކުރަނިކޮށް ނޭމާ ޕީއެސްޖީ މޮޅުކޮށްދީފި

ޕެރިސް (ސެޕްޓެމްބަރު 15) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވާން މަސައްކަތްކުރި ޕީއެސްޖީގެ ތަރި ނޭމާއާ ދެކޮޅަށް އެޓީމުގެ ސަޕޯޓަރުން ހަޅުތާލުކުރަމުންދަނިކޮށް އޭނާ ފަހު ވަގުތު ޖެހި ގޯލުން ސްޓްރަސްބޯގް އަތުން 1-0 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ.


މީގެ ދެ އަހަރު ކުރިން ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަލުން ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ގޮތަކުން މަސައްކަތްކުރި އެވެ. އެހެންވެ ސީޒަނުގައި ޕީއެސްޖީން އެންމެ ފުރަތަމަ ކުޅުނު މެޗުތަކުގައި ނޭމާ އަށް ފުރުސަތު ނުދެ އެވެ. ރޭގެ މެޗުގެ ކުރިން ވެސް ނޭމާއާ ދެކޮޅަށް ޕީއެސްޖީގެ ސަޕޯޓަރުން ޝުއޫރުފާޅުކުރިއިރު، ރޭގެ މެޗުގައި ނޭމާ ކުޅޭތީ ސަޕޯޓަރުންގެ އެ އަޑުތައް ގަދަވި އެވެ.

"މިއީ ފުރަތަމަ ފަހަރެއް ނޫން މި ގޮތަށް ދިމާވި. މިއީ ހިތާމަހުރި ކަމެއް ވިޔަސް މި ހަގީގަތް ގަބޫލުކުރަންޖެހޭ. އަހަރެން ދެން ކުޅޭ ކޮންމެ މެޗެއް ވެސް ވާނީ ރަށުން ބޭރުގައި ކުޅޭ މެޗަކަށް. ސަޕޯޓަރުންނާ ދެކޮޅަށް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އަހަންނަކީ ޕީއެސްޖީގެ ކުޅުންތެރިޔެއް. އެންމެނަށް ވެސް އެނގޭ އަހަރެން ޓީމު ދޫކޮށްލަން ބޭނުންވިކަން. އެކަމަކު މި ޓީމުގައި ހުރެ އަހަރެން ހުރިހާ އިރަކު ވެސް މަސައްކަތްކުރާނީ މި ޓީމު މޮޅުކޮށްދޭން،" ރޭގެ މެޗަށް ފަހު ނޭމާ ބުންޏެވެ.

ރޭގެ މެޗުގައި ސްޓްރަސްބޯގް ވަނީ ޕީއެސްޖީ ހުއްޓުވަން ރަނގަޅު ޑިފެންސިވް ގޭމެއް ކުޅެފަ އެވެ. އެކަމަކު ފަހު ވަގުތު ނޭމާ ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި މޮޅު ގޯލެއް ޖަހައިފަ އެވެ. ނޭމާ ގޯލު ޖެހުމާ އެކު ދަނޑުގައި ތިބި ބައެއް ޕީއެސްޖީ ސަޕޯޓަރުން ދެކޮޅު ހެދި އެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ނޭމާއާ ބެހޭގޮތުން މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވިއްޖެ ކަމަށާއި ކޮންމެ ކަމެއްގައި ވެސް ހައްލެއް އޮންނާނެ ކަމަށާއި އޭނާގެ އުއްމީދަކީ ސަޕޯޓަރުންނާއި ނޭމާއާ މެދު އޮތް ހިތްހަމަނުޖެހުންތަކަށް ވެސް އަވަހަށް ނިމުމެއް އައުން ކަމަށެވެ.