އިންޓަ މިލާން އެއް ވަނައިގައި

މިލާން (ސެޕްޓެމްބަރު 15) – އަމިއްލަ ދަނޑުގައި އުދިނޭޒީ 1-0 އިން ބަލިކޮށް އިންޓަ މިލާނުން ޗެމްޕިއަން ޔުވެންޓަސްގެ މައްޗަށް ދެ ޕޮއިންޓުގެ ލީޑެއް ނަގައި، އެއް ވަނަ އަށް އަރައިފަ އެވެ.


މި ސީޒަނުގެ ލީގުގެ ފޭވަރިޓުން ކަމަށްވާ ޔުވެންޓަސް ވަނީ އިއްޔެ ރަށުން ބޭރުގައި ފިއޮރެންޓީނާއާ 0-0 އިން އެއްވަރުވެފަ އެވެ. އެ ޓީމު ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. އިންޓަ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. އެކަމަކު ތިން ވަނައިގައި ހަ ޕޮއިންޓާ އެކު އޮތް ޓޮރިނޯ މާދަމާރޭ ލެއްޗޭ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ. އަދި ތަފާތު ބޮޑުކޮށް މޮޅުވެއްޖެ ނަމަ އެއް ވަނަ އަށް ވެސް އެރިދާނެ އެވެ.

ސެން ސީރޯގައި ރޭ ކުޅުނު މެޗުގައި އިންޓަގެ ހަމައެކަނި ގޯލް 44 ވަނަ މިނެޓުގައި ޖެހީ ސްޓެފާނޯ ސެންސީ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ރޮޑްރިގޯ ޑި ޕައުލް އާށް 35 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާ އެކު އެ ޓީމުން ކުޅުނީ އެކަކު މަދުކޮށެވެ.

ފިއޮރެންޓީނާއާ އެއްވަރުވި މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މެންދުރުފަހު ގަދަހޫނުގައި ކުޅެން ޖެހުމުން އުނދަގޫވި ކަމަށެވެ. އެ ވާހަކަތަކަށް ރައްދުދީ އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ސާރީ މިވަގުތު ހުރީ ވަރުގަދަ ކްލަބުގައި ކަމަށާއި އެހެންވެ އޭނާ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށެވެ. ކޮންޓޭ އެ އިޝާރާތްކުރީ ސާރީ ނަޕޯލީގައި ހުރި ދުވަސްވަރު، ކޮންޓޭ އަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށެވެ. އޭރު ސާރީ ބުނީ ޔުވެންޓަސް އަކީ ވަރުގަދަ ކްލަބްކަމަށް ވާތީ އެ ކްލަބަށް އެޑްވާންޓޭޖްތަކެއް އެބަހުރި ކަމަށެވެ.