އަންސޫ ފާޓީ ސްޕެއިން އަށް ކުޅުވަން މަސައްކަތްކުރަނީ

މެޑްރިޑް (ސެޕްޓެމްބަރު 16) - ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާ ބާސެލޯނާގެ އުއްމީދީ ފޯވާޑް އަންސޫ ފާޓީ ސްޕެއިން ގައުމީ ޓީމަށް ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ގިނީ ބިސާއު އަށް އުފަން އުމުރުން 16 އަހަރުގެ އަންސޫ ފާޓީ ވަނީ މިހާތަނަށް ބާސެލޯނާ އިން ފުރުސަތު ދިން ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ބާސެލޯނާގެ ތާރީހުގައި އެ ކްލަބަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ސްޕެއިނުގެ ކޯޗު ރޮބާޓޯ މޮރޭނޯއާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ސްޕެއިނުގެ ފެޑެރޭޝަނުން ވަނީ އަންސޫ ފާޓީއާ ބައްދަލުކޮށް ސްޕެއިން އަށް ކުޅުމަށް ދައުވަތުދީ އޭނާ އަށް އޮތް ފުރުސަތުތައް އޮޅުންފިލުވައިދީފަ އެވެ. އަދި އެ ބައްދަލުވުން ދިޔައީ ރަނގަޅަށް ކަމަށާއި އަންސޫ ފާޓީ ބޭނުންވަނީ ސްޕެއިން ޓީމަށް ކުޅެން ކަމަށެވެ.

ޕޯޗުގީސް ކޮލޮނީއެއްގެ ގޮތުގައި މީގެ ކުރިން އޮތް ގިނީ ބިސާއު ވަނީ 1986 ވަނަ އަހަރު ފީފާގެ މެމްބަރުކަން ހޯދައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ދުނިޔޭގެ ރޭންކިންގެ 123 ވަނައިގައި މި ވަގުތު އޮތް ގިނީ ބިސާއު އިން ވެސް އަންސޫ ފާޓީ އެ ގައުމަށް ކުޅުވަން ބޭނުންވެ އެވެ.

ސްޕެއިނުން ހުށަހަޅާފައިވަނީ އަންނަ މަހު 26 ވަނަ ދުވަހު ބްރެޒިލްގައި ފަށާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕަށްދާ ސްޕެއިން ޓީމުގައި އަންސޫ ފާޓީ ހިމެނުމަށެވެ. އެ ގޮތުން ގޮތެއް ނިންމަން އޭނާ އަށް ވަނީ ހަތް ދުވަހުގެ މުހުލަތެއް ދީފަ އެވެ. އަންސޫ ފާޓީ މިހާތަނަށް އެއްވެސް ގައުމީ ޓީމަކަށް ކުޅެފައެއް ނުވެ އެވެ. އޭނާ ލައްވައި ކުޅުވަން ޕޯޗުގަލް އިން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.

އުމުރުން އެންމެ ހަ އަހަރުގައި އާއިލާއާ އެކު ސްޕެއިނަށް ދިރިއުޅުން ބަދަލުކުރި އަންސޫ ފާޓީ އެންމެ ފުރަތަމަ ކުޅުނީ ހެރޭރާ ކިޔާ ޔޫތު ޓީމަކަށެވެ. އޭގެ ފަހުން ސެވިއްޔާ ޓީމަށް ވެސް ކުޅުމަށް ފަހު ބާސެލޯނާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔޫތު މުބާރާތްތަކުގައި އޭނާ ދެއްކި ކުޅުމަށް ބާސެލޯނާގެ މަޝްހޫރު އެކެޑަމީ ލަ މާސިއާގެ ކޯޗުން ވެސް ވަނީ ތައުރީފުކޮށްފަ އެވެ.