ދުނިޔޭގެ އެންމެ މުސާރަ ބޮޑު ގޯލްކީޕަރަކަށް ޑެހެއާ

މެންޗެސްޓާ (ސެޕްޓެމްބަރު 16) - މެންޗެސްޓާ ޔުނައިޓެޑާ އެކު ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހަދާފައިވާ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާކުރުމާ އެކު، އޭނާ އަށް ލިބިގެންދާނީ ގޯލްކީޕަރަކަށް ދުނިޔޭގެ ފުޓްބޯޅައިގައި ލިބޭ އެންމެ ބޮޑު މުސާރަ އެވެ.


އުމުރުން 28 އަހަރުގެ ޑެހެއާ ޔުނައިޓެޑާ އެކު ސޮއިކުރި އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. ޔުނައިޓެޑާ އެކު މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ޑެހެއާގެ އެއްބަސްވުން އާ ކުރަން އެ ކްލަބުން ވަނީ މީގެ އަހެއް ކުރިން މަޝްވަރާތައް ފަށައިފަ އެވެ. އަދި ދާދި ފަހުން މީޑިއާ އިން ވަނީ ޖެނުއަރީ މަހަށް ކޮންޓްރެކްޓްގައި ސޮއިކުރުން ޑެހެއާ ލަސްކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފަ އެވެ.

ޑެހެއާ ޔުނައިޓެޑް އާ ކުރުމުގެ މަޝްވަރާތައް ދިގުލައިގެންދިޔައީ މުސާރައަކާ މެދު އެއްބަސްނުވެވިގެންނެވެ. ރިޕޯޓްތައް ބުނާގޮތުން ޑެހެއާ ޔުނައިޓެޑުގެ އެއްބަސްވުން އާ ކުރަން ފުރަތަމަ މަޝްވަރާކުރީ ހަފުތާ އަކު ބޯނަސްތަކާ އެކު 470،000 ޑޮލަރަށެވެ. ސްކައި ސްޕޯޓްސް އާއި މަޝްހޫރު އެހެން މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިއީ ހަފްތާއަކަށް ބަލާއިރު ދުނިޔޭގައި މި ވަގުތު ކީޕަރަކަށް ދޭ އެންމެ ބޮޑު މުސާރަ އެވެ.

ޑެހެއާ ބުނީ ކޮންޓްރެކްޓް އާ ކުރުމާ އެކު މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ހުރިހާ ވާހަކަތަކަށް ނިމުން އައީ ކަމަށާއި ދެން ފޯކަސް އަކީ މިހާރު އޮތް ޓީމާ އެކު ކާމިޔާބު ހޯދުން ކަމަށެވެ.

"މި ޓީމާ އެކު އަށް އަހަރު ހޭދަކުރުމަކީ އަހަންނަށް ލިބިގެންދިޔަ ފަހުރެއް. ދެން ބޭނުންވަނީ މިހާރު އޮތް ޓީމާ އެކު ކުރިއަށްދާން. އަހަރެން ދެކޭ ގޮތުގައި މި ޓީމާ އެކު އަހަރެމެންނަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ،" ޑެހެއާ ބުންޏެވެ.

ރެއާލް މެޑްރިޑާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ ކުރީގެ ގޯލްކީޕަރު 2011 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވީއްސުރެ އަންނަނީ އެއް ފެންވަރެއްގައި ކުޅެމުންނެވެ. އެޑްވިން ވެން ޑަ ސާ ނެތްތަނަށް ޑެހެއާ ގެނައިއިރު، ފުރަތަމަ ކޮޅުގައި އެންމެ މޮޅަށް ނުކުޅެވުނު ނަމަވެސް ފަހުން އޭނާ ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ދުނިޔޭގެ ވެސް އެންމެ މޮޅު އެއް ކީޕަރަށެވެ.

ޑެހެއާ، 2015 ވަނަ އަހަރު ރެއާލަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވި އެވެ. އެކަމަކު ޓްރާންސްފާ މުއްދަތު ހަމަވިއިރު ލިޔެކިޔުންތައް ފޮނުވާނުލެވުމުން އެކަން ކާމިޔާބުނުވީ އެވެ. ރެއާލުން އަލުން ޑެހެއާ އަށް ބިޑްނުކުރަން ނިންމީ އެ ޓީމުގައި މިހާރު ހުރި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ މެދު ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ހިތްހަމަޖެހޭތީ އެވެ.

ތިން ސީޒަނުގައި ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޑެހެއާ ވަނީ އެ ކްލަބާ އެކު ހަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ޑެހެއާ ބުނީ އިތުރު ކާމިޔާބީތައް ހޯދަން ޔުނައިޓެޑް އޮތީ ތައްޔާރަށް ކަމަށެވެ.