ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި

ނޭޕްލްސް (ސެޕްޓެމްބަރު 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ނަޕޯލީ އަތުން 2-0 އިން ބަލިވެއްޖެ އެވެ.


މިއީ 1994 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނެއް ޖެހިގެން އައި މުބާރާތުގެ އެންމެ ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 2002 ވަނަ އަހަރަށް ފަހު ލިވަޕޫލް ޗެމްޕިއަންސް ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެ ފަހަރު ބަލިވީ ވެލެންސިއާ އަތުންނެވެ. ނަޕޯލީ ވަނީ އިނގިރޭސި ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ.

މިދިޔަ އަހަރު ނަޕޯލީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓީ ފަހު މެޗުގައި ލިވަޕޫލް އަތުން ބަލިވުމުންނެވެ. ރޭގެ ކާމިޔާބީ އަކީ އޭގެ ބަދަލުހިފުމެއްގެ ގޮތުގައި އެ ޓީމުން ސިފަކުރެ އެވެ. ލިވަޕޫލްގެ އެޓޭކްތައް ހުއްޓުވަން ނަޕޯލީގެ ސެނަގޯލް ޑިފެންޑަރު ކަލީދޫ ކުލިބާލީ މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ދެ ގޯލު ވެސް ޖެހީ މެޗުގެ ފަހު 10 މިނިޓް ތެރޭގަ އެވެ.

ފުރަތަމަ ލަނޑު 82 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ ޑްރީސް މާޓެންސް އެވެ. އިތުރު ވަގުތުގައި ދެ ވަނަ ގޯލު ޖެހީ ދާދި ފަހަކާ ޖެހެންދެން ކްލަބެއް ނެތި ހުރި ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ފެނާންޑޯ ލޮރެންޓޭ އެވެ. މިިދިޔަ ސީޒަނަށް ފަހު ޓޮޓެންހަމުން ލޮރެންޓޭ ދޫކޮށްލުމުން އޭނާ ނަޕޯލީއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޑޯޓްމަންޑްގެ ރެއުސް (ވ) ބާސެލޯނާގެ މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުން މޮޅުވާނެ ފުރުސަތުތައް ލިބިފައި ބޭނުންނުކުރެވި މި ގޮތަށް ބަލިވުމަކީ ހިތްދަތި ކަމެއް ކަމަށާއި އެކަމަކު މިއީ ނިމުމެއް ނޫން ކަމަށެވެ. ނަޕޯލީގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މި ކާމިޔާބީ ލިބުނީ ލިވަޕޫލުން މެޗު ކޮންޓްރޯލް ކުރި ވަގުތުގައި ވެސް ކެތްތެރިކަމާ އެކު ރޭވުންތަކާ އެއްގޮތަށް ކުޅެގެން ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުގައި ރަށުންބޭރުގައި ވަނީ ބޮރޫޝިއާ ޑޯޓްމަންޑާ 0-0 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްއިރު، މިއީ މި ސީޒަނުގައި އޭނާގެ ފުރަތަމަ ފެނިލުމެވެ. މެޗުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތުން ޑޯޓްމަންޑްގެ މާކޯ ރެއުސް ޖެހި ޕެނަލްޓީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ ހުއްޓުވައިފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ރޭ އިންޓަ މިލާން ވަނީ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގްއާ 1-1 އިން އެއްވަރުވެފަ އެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ޗެލްސީން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ވަނީ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ވެލެންސިއާ އަތުން 1-0 އިން ބަލިވެފަ އެވެ. ޗެލްސީ އަށް އެއްވަރުކޮށްދޭން ރޮސް ބާކްލީ ޖެހި ޕެނަލްޓީ ކާމިޔާބުނުވި އެވެެ.