އާސެނަލާއި ޔުނައިޓެޑް މޮޅަކުން ޔޫރޮޕާ ލީގު ފަށައިފި

މެންޗެސްޓާ (ސެޕްޓެމްބަރު 20) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ 2017 ވަނަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި މިދިޔަ އަހަރުގެ ރަނަރަޕް އާސެނަލް މޮޅަކުން މި ފަަހަރުގެ މުބާރާތް ފަށައިފި އެވެ.


އަމިއްލަ ދަނޑުގައި ކަޒަކްސްތާނުގެ ޗެމްޕިއަން އަސްތާނާ އަތުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ. އަދި ރަށުން ބޭރުގައި ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓް އަތުން އާސެނަލް މޮޅުވީ 3-0 އިންނެވެ.

ގިނަ ބަދަލުތަކާ އެކު ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތްއިރު، ޒުވާން އާ ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. އޭގެ ތެރެއިން ވިދާލީ ދެ ވަނަ ހާފްގައި އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހި މޭސަން ގްރީންވުޑް އެވެ. އުމުރުން 17 އަހަރުގެ ގްރީންވުޑަކީ މި ފަހަރު ޔުނައިޓެޑުން ގިނަ ފުރުސަތުތަކެއް ދޭނެ ކުޅުންތެރިއެކެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ޓީމުގެ ދެ ތަޖުރިބާކާރު ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި އަލެކްސިސް ސަންޗޭޒް ދޫކޮށްލުމަށް ފަހު ނިންމީ ޒުވާން ގްރީންވުޑަށް ކުރިއަރަން ފުރުސަތު ދޭށެވެ.

ޔުނައިޓެޑުން ގިނަ ވަގުުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުގެ ފްރެޑް ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ލަނޑު ޖަހަން ރޭގެ މެޗުގައި ޔުނައިޓެޑްގެ މާކަސް ރެޝްފޯޑަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ ގްރީންވުޑް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި އާސެނަލަށް ލީޑުނަގައިދިނީ މެޗުގެ 38 ވަނަ މިނިޓްގައި ޒުވާން ކުޅުންތެރިޔާ ޖޯ ވިލޮކް އެވެ. ފްރޭންކްފާޓަށް މި މެޗުގައި އެންމެ އުނދަގޫކަމެއް ދިމާވީ މެޗުގެ 79 ވަނަ މިނިޓްގައި އެ ޓީމުގެ ކޯރް އަށް ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ފްރޭންކްފާޓުގެ އެއް ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި އާސެނަލުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ.

އެ ލަނޑުތައް ކާމިޔާބުކުރީ ޕިއޭ އެމެރިކް އޮބާމަޔަން އާއި އުމުރުން 16 އަހަރުގެ ބުކާޔޯ ސަކާ އެވެ. ސަކާ އަކީ މި މުބާރާތުގައި އާސެނަލަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އަމިއްލަ ދަނޑުގައި ވުލްވްސް ވަނީ 1-0 އިން ބްރާގާ އަތުން ބަލިވެފަ އެވެ. ގަރަބަގް އަތުން ސެވިއްޔާ 3-0 އިން މޮޅުވިއިރު، ސީއެފްއާރް ކްލޫޖް އަތުން 1-0 އިން އިޓަލީގެ ލާޒިއޯ ވަނީ ބަލިވެފަ އެވެ. އަދި ޔަންގް ބޯއީސް އަތުން 2-1 އިން ޕޯޓޯ ވެސް ވަނީ މޮޅުވެފަ އެވެ.