ބާސެލޯނާ ބަލިކޮށް ގްރަނާޑާ އެއް ވަނަ އަށް

ބާސެލޯނާ (ސެޕްޓެމްބަރު 22) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާގެ މައްޗަށް 2-0 އިން ކުރިހޯދައި ލީގުގެ އެއް ވަނަ އަށް ގްރަނާޑާ ޖެހިލައިފި އެވެ.


ލީގުގެ އެއް ވަނައިގައި އޮތް ގްރަނާޑާ އާއި ދެ ވަނައިގައި އޮތް ސެވިއްޔާ އަދި ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ގްރަނާޑާ އާއި އެތުލެޓިކޯ އިން އެ އަދަދަށް ޕޮއިންޓް ހަމަކޮށްފައިވަނީ އިތުރަށް މެޗު ކުޅެގެންނެވެ. ސެވިއްޔާ މިރޭ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ރޭގެ މެޗުން ބަލިވުމުން ބާސެލޯނާ ލީގުގެ ފުރަތަމަ ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ލީގުގައި ފުރަތަމަ ފަސް މެޗުގެ ތެރެއިން ދެ މެޗުން ބާސެލޯނާ މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ މިދިޔަ 25 އަހަރު ތެރޭ އެ ޓީމުން އެންމެ ދަށްކޮށް ލީގު ފެށި ފަހަރެވެ.

ލިއޮނަލް މެސީ އާއި ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީ ބެންޗުގައި ބައިންދައިގެން ބާސެލޯނާ އިން މެޗު ފެށިއިރު، ފުރަތަމަ ދެ މިނިޓް ތެރޭގައި ގްރަނާޑާ އިން ވަނީ ރަމޮން އަޒީޒްގެ ގޯލުން ލީޑުނަގައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ގްރަނާޑާގެ ދެ ވަަނަ ގޯލު ޖެހީ ޕެނަލްޓީއަކުން އަލްވާރޯ ވަޑީއޯ އެވެ.

ދެ ވަނަ ހާފްގައި ބާސެލޯނާ އިން މެސީ އާއި ފާޓީ ކުޅެން އެރުވި ނަމަވެސް މި މެޗުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. ބާސެލޯނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެންނާތީ އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

"އަހަރެން ވަރަށް ކަންބޮޑުވޭ. އެއީ މިހާރު ދެތިން މެޗެއް މިދިޔައީ އަހަރެމެން ބޭނުންވާ ވަރުގެ ނަތީޖާއެއް ނުނެރެވި. އޭގެ މާނަ އަކީ އަހަރެމެންނަށް ރަނގަޅަށް ނުކުޅެވެނީއޭ. މީގެ ޒިންމާ ވަކި ބަޔަކުގެ ބޮލުގައި އެޅުވެން ނެތް. އެންމެން މަސައްކަތްކުރަންވީ،" ހިތްހަމަނުޖެހިފައި ހުރެ ވަލްވޭޑޭ ބުންޏެވެ.

އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯ ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި ސެލްޓާ ވިގޯއާ އެއްވަރުވެފަ އެވެ.