ރެއާލް އަދި ބާސެލޯނާ އިން ވެސް ފުރުސަތު ނަގާލައިފި

މެޑްރިޑް (ސެޕްޓެމްބަރު 22) - ވިޔަރެއާލްއާ 1-1 އިން އެއްވަރުވެ، ސްޕެނިޝް ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ހަދަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ގެއްލުވާލިއިރު، އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރު، ތާވަލުގެ ކުރީގައި ތަފާތު ކުޑަކުރަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.


ރޭގެ މެޗުން މޮޅުވި ނަމަ، ޖެހިޖެހިގެން 17 މެޗުން މޮޅުވެ، ސްޕެނިޝް ލީގުގެ އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ރެއާލަށް ލިބޭނެ އެވެ. ދެން އެ ޓީމަށް ޖެހޭނީ 2010-2011 ވަނަ އަހަރު ބާސެލޯނާ އިން 16 މެޗުން މޮޅުވެ ހަދާފައިވާ ރެކޯޑް ހިއްސާކުރާށެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވިޔަރެއާލްގެ ބްރޫނޯ ވަނީ ޕެނަލްޓީ އަކުން ލީޑު ނަގާފަ އެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ދެ ވަނަ ހާފުގެ ފުރަތަމަ ފުރަތަމަ މިނެޓުގައި ރާމޯސް ވަނީ ގޯލެއް ޖަހައި، އޭގެ ބަދަލު ދީފަ އެވެ. މެޗުގެ ފަހުކޮޅު ރެއާލުން ކުރިއަށް ޖެހި ޕްރެޝަރު ދިން ނަމަވެސް ވިޔަރެއާލުން ވަނީ ލަނޑެއް ވަނަނުދީ ހިފަހައްޓައިފަ އެވެ.

މި މެޗުން އެންމެ ޕޮއިންޓެއް ލިބުނު ނަމަވެސް ޖުމްލަ 13 ޕޮއިންޓާ އެކު ރެއާލް އޮތީ އެއް ވަނައިގަ އެވެ. ރޭ ބާސެލޯނާ މޮޅުވި ނަމަ 12 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނަ އަށް އެރުނީހެވެ. މިހާރު އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. ބާސެލޯނާއާ އެއްވަރުވި އެތުލެޓިކޯ އޮތީ ނުވަ ޕޮޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގެ 41 ވަނަ މިނެޓުގައި އިވާ ރަކިޓިޗް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެތުލެޓިކޯ އިން ހަމަހަމަކުރީ 61 ވަނަ މިނެޓުގައި އެންހެލް މާޓިން ކޯރެއާ ޖެހި ލަނޑުންނެވެ.