އޮސަސޫނާ ބަލިކޮށް ރެއާލް އެއް ވަަނަ އަށް

މެޑްރިޑް (ސެޕްޓެމްބަރު 26) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާގެ މައްޗަށް 2-0 އިން ކުރިހޯދައި ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


ރެއާލް މެޑްރިޑް 14 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު އެތުލެޓިކޯ ދެ ވަނައިގައި އޮތީ އެއް ޕޮއިންޓުގެ ފަރަގަކާ އެކު، 13 ޕޮއިންޓް ހަމަކޮށްގެންނެވެ. އަންނަ ހޮނިހިރު ދުވަހުގެރޭ މި ދެ ޓީމު ބައްދަލުކުރާ މެޗުން މޮޅުވެގެން އެއް ވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު މެޑްރިޑަށް އޮންނާނެ އެވެ. އަދި އެ މެޗުން މޮޅުވެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެތުލެޓިކޯ އަށް އޮންނާނެ އެވެ. ކުރިން އެއް ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ ރޭ ކުޅުނު މެޗުން ވަނީ ލެގަނޭސްއާ އެއްވަރުވެފަ އެވެ. ބިލްބާއޯ މިހާރު ތިން ވަނައިގައި އޮތީ ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ޗެމްޕިއަންކަމަށް ދެން ވާދަކުރާ ބާސެލޯނާ އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

އެޑެން ހަޒާޑާއި ގަރެތު ބޭލް އަދި ކަރިމް ބެންޒެމާ އާއި އެ ނޫން ވެސް ބައެއް މުހިއްމު ކުޅުންތެރިން ނުލައި ރެއާލުން ރޭގެ މެޗުގައި ކުޅުނީ ހޮނިހިރު ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޑްރިޑް ޑާބީ މެޗު އޮތުމުންނެވެ.

ރޭގެ މެޗުގައި ރެއާލަށް ލީޑުނަގައިދިނީ 36 ވަނަ މިނިޓްގައި ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއުސް ޖޫނިއާ އެވެ. މިއީ އަނިޔާ އަށް ފަހު ފޯމު ގެއްލިފައިވާ ވިނީޝިއުސް އަށް ރަނގަޅު ފެށުމެއް ކަމަށް މެޗަށް ފަހު ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ވަނީ ބުނެފަ އެވެ.

ރެއާލުގެ ދެ ވަނަ ގޯލު ޖެހީ ވިނީޝިއުސްގެ ބަދަލުގައި އެރި ބްރެޒިލްގެ 18 އަހަރުގެ ވިންގް ރޮޑްރީގޯ އެވެ. އޭނާ ލަނޑު ޖެހީ ކުޅެން އެރިތާ މިނިޓެއްގެ ތެރޭގަ އެވެ. ފަހަކަށް އައިސް ރެއާލްގެ ބައެއް މެޗުތަކުގެ ނަތީޖާތަށް ދަށްވުމުގެ ސަބަބުން އެ ޓީމަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް އޮތްއިރު، ރޭގެ ނަތީޖާ އަށް ފަހު ޒިދާން ހުރީ ހިތްހަމަޖެހިފަ އެވެ.

"މިއީ މި ދަނޑިވަޅުގައި ވަރަށް މުހިއްމު މޮޅެއް. އަހަރެމެންނަށް ހަމަޖެހިލެވޭނެ ދަނޑިވަޅެއް އަދި ނުލިބޭ. އެކަމަކު މި މެޗުގެ ނަތީޖާ މިއީ ފަސޭހައެއް،" ޒިދާން ބުންޏެވެ.

ރަށުން ބޭރުގައި މަޔޯކާއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގައި އެ ޓީމަށް ކުރި ހޯދައިދިނީ ތަޖުރިބާކާރު ފޯވާޑް ޑިއެގޯ ކޮސްޓާ އެވެ. އޭނާ 26 ވަނަ މިނެޓުގައި ޖެހި އެ ލަނޑަށް ފަހު ހަމަޖެހިލީ އެތުލެޓިކޯ އަށް ދެ ވަނަ ގޯލް 64 ވަނަ މިނެޓުގައި ޖަހައިދިނީ ޕޯޗުގީސް ތަރި ޔޮއާއޯ ފެލިކްސް އެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެތުލެޓިކޯގެ މޮރާޓާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުން އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ހޮނިހިރު ދުވަހުގެރޭ ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.