ގްރިޒްމަން މައްސަލައިގައި ބާސެލޯނާ އަށް އެންމެ 300 ޔޫރޯގެ ޖޫރިމަނާއެއް

މެޑްރިޑް (ސެޕްޓެމްބަރު 27) – އެންޓޮއިން ގްރިޒްމަން އެތުލެޓިކޯ މެޑްރިޑުގައި ހުއްޓާ ބާސެލޯނާ އިން އޭނާއާ މަޝްވަރާތައް ކުރި މައްސަލައިގައި ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ބާސެލޯނާ އެންމެ 300 ޔޫރޯ (5045ރ.) އިން ޖޫރިމަނާކޮށްފި އެވެ.


ބާސެލޯނާ އިން ޖުލައި 1 ވަނަ ދުވަހު ގްރިޒްމަން ގަތީ އެތުލެޓިކޯއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 120 މިލިއަން ޔޫރޯ ދެއްކުމަށް ފަހު އެވެ. އެކަމަކު އެތުލެޓިކޯ އިން ބުނާ ގޮތުގައި ބާސެލޯނާ އިން ގްރިޒްމަންއާ މަޝްވަރާތައް މާޗު މަހު ބޭއްވިއިރު އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ އަގަކީ 200 މިލިއަން ޔޫރޯ ކަމަށާއި ބާސެލޯނާ އިން ދައްކަން ޖެހޭނީ އެ އަދަދު ކަމަށެވެ. އެ ކްލަބުން ވަނީ އޭނާ ޖުލައިގެ ކުރިން އެ ކްލަބަށް ސޮއިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

ސްޕެނިޝް ފެޑެރޭޝަނުން ބުނީ އެތުލެޓިކޯގެ ކޮންޓްރެކްޓުގައި ގްރިޒްމަން ހުއްޓާ އޭނާއާ އެކު ބާސެލޯނާ އިން ވާހަކަތައް ބޭއްވިކަމުގެ ކުށުން ބާސެލޯނާ ކުށްވެރި ވިޔަސް، އެ ކްލަބުން އޭނާ ލައްވައި ކޮންޓްރެކްޓުގައި ސޮއިކުރުވިކަން ސާބިތުކުރެވޭނެ ތަނެއް ނެތް ކަމަށެވެ.

އެކަމަކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ ފެޑެރޭޝަނުން ކުރި ޖޫރިމަނާގެ އަދަދުންނެވެ. އެއީ ބާސެލޯނާ އިން މި އަހަރު ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭ 671.42 މިލިއަން ޔޫރޯ ބަޖެޓުގެ 0.000045 ޕަސެންޓަށް ޖެހޭ އަދަދެކެވެ.

އެކަން އެ ފެޑެރޭޝާނުން ވެސް ގަބޫލުކުރެ އެވެ. އެތަނުން ބުނެފައިވާ ގޮތުގައި ބާސެލޯނާގެ މާލީ ވަރުގަދަ ކަމަށް ބަލާއިރު 300 ޔޫރޯގެ ޖޫރިމަނާއަކުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި އަދި އެ އަދަދަކީ މުސްތަގުބަލުގައި އެހެން ކްލަބަކުން މިފަދަ ކަމެއް ނުކުރަން ޖެހިލުން ވާނެ އަދަދެއް ވެސް ނޫން ކަމަށެވެ. އެކަމަކު ދެން އޮތް އަދަބު ކަމަށްވާ އެއް މެޗަށް ބާސެލޯނާގެ ދަނޑަށް ސަޕޯޓަރުން ނުދެއްވުމަކީ މިފަދަ ކަމަކަށް ހައްގު އަދަބެއް ނޫން ކަމަށް ފެޑެރޭޝަނުން ދެކެ އެވެ

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން މި އަދަބު ވެސް އިސްތިއުނާފްކުރާނެ އެވެ..