އާސެނަލް އޮތީ ރަނގަޅު މިސްރާބެއްގައި: ރަމްސޭ

ކާޑިފް (އޮކްޓޫބަރު 5) - އޭނާގެ ކުރީގެ ކްލަބް އާސެނަލް މިހާރު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް އަށް ސޮއިކުރި ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ ބުނެފި އެވެ.


އެގާރަ އަހަރަށް ފަހު ރަމްސޭ އާސެނަލް ދޫކޮށްލާނެކަން އިއުލާނުކުރީ މި އަހަރު ކުރީކޮޅުގަ އެވެ. ރަމްސޭ ބަހައްޓަން އާސެނަލުން ވަނީ އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. އެކަމަަކު އާސެނަލަށް އެއްބަސްނުވެވުނީ ރަމްސޭ ކިޔާ މުސާރަ ދޭށެވެ. އެ ގޮތުން ރަމްސޭ ކިޔާފައިވަނީ ހަފްތާ އަކު 450،00 ޑޮލަރެވެ. ޔުވެންޓަސް އިން އޭނާގެ ސޮއި ހޯދީ އެ މުސާރަ ދޭން އެއްބަސްވެގެންނެވެ.

ރަމްސޭ ބުނީ އާސެނަލާ މެދު އޭނާގެ އެއްވެސް ރުޅިވެރިކަމެއް ނޯންނާނެ ކަމަށާއި އެ ޓީމު މިހާރު އޮތް މިސްރާބާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"އަހަރެންގެ ނިންމުމާ ގުޅިގެން ވަރަށް ގިނަ ގޯސް ކަންތައްތަކެއް މީޑިއާގައި އުޅުނު. އެކަމަކު އެއީ މިހާރު މާޒީ. އަހަންނަކީ ޔުވެންޓަސް ކުޅުންތެރިޔެއް. އެކަމަކު އުފަލާ އެކު އަހަރެން ފާހަގަކުރާ ކަމެއް އެއީ އާސެނަލްގެ މިހާރުގެ ހާލަތު. އެ ޓީމު މިހާރު އޮތީ ރަނގަޅު މިސްރާބެއްގައި. ޒުވާން ގިނަ ކުޅުންތެރިންތަކެއް ކުރިއަރައިގެން އަންނަނީ. މިއީ ކްލަބެއްގެ ކާމިޔާބީ ދެމި އޮންނާނެކަން ފެށޭ ހިސާބު،" ރަމްސޭ ބުންޏެވެ.

އުމުރުން 28 އަހަރުގެ ރަމްސޭ އާސެނަލާ ގުޅުނީ 2008 ވަނަ އަހަރު ކާޑިފް ސިޓީންނެވެ. އޭރު އޭނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަރަށް ބޭނުންވި އެވެ. އޭނާ ވަނީ އެ ޓީމަށް 357 މެޗު ކުޅެދީ 61 ގޯލް ޖަހައިފަ އެވެ. އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު ކާމިޔާބުކުރި އެވެ.

ޔުވެންޓަސް އަށް ރަމްސޭ ސޮއިކުރިއިރު، އޭނާ ހޯދުމަށް ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާނުގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކް ހިމެނެ އެވެ.

ރަމްސޭ ބުނީ ޔުވެންޓަސް އަކީ ކުރިން ވެސް އޭނާ ވަރަށް ގަޔާވާ ކްލަބެއް ކަމަށާއި އެ ޓީމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.