މެޑްރިޑް (އޮކްޓޫބަރު 5) - ޗެމްޕިއަންސް ލީގުގައި ދާދި ފަހުން އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ހިނގައިދިޔަ ކަންތައްތަކުގައި ޒިންމާ ހަކމައެކަނި ނަގަން ޖެހެނީ ރެއާލުގެ ގޯލްކީޕަރު ތިބައު ކޯޓުއާ އެކަންޏެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލް 2-0 އިން ބަލިވެފައިވަނިކޮށް ޒިދާން ވަނީ ކޯޓުއާ ބަދަލުކޮށްފަ އެވެ. ދެ ވަނަ ހާފްގައި ރެއާލުން ވަނީ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ މެޗުގެ ކުރިން ޒިދާން ވަނީ ކޯޓުއާ އަށް ފުރަތަމަ އެގާރައިގައި ޖާގަ ޔަގީން ނޫން ކަމަށް ބުނެފަ އެވެ.
"އެ މެޗުގެ 45 މިނިޓްގައި ހިނގާދިޔަ ކަންތައްތަކަށް ކޯޓުއާ އެކަނި ޒިންމާ ނަގަން ނުޖެހޭ. މި ޓީމުގައި އެއްވެސް ކުޅުންތެރިޔަކަށް ފުރަތަަމަ އެގާރައިގެ ޖާގަ ޔަގީނެއް ނޫން. ޓީމުގައ 25 ކުޅުންތެރިން އެބަތިބި. އެއީ މުޅިން ވެސް މުހިއްމު ކުޅުންތެރިން،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒިދާން ބުންޏެވެ.
ސްޕެއިނުގެ ބައެެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ފަހަކަށް އައިސް ރެއާލުގެ ސަޕޯޓަރުންގެ ފަރާތުން އުމުރުން 27 އަހަރުގެ ކޯޓުއާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކުގެ ސަބަބުން އޭނާ އަށް ބިރުގަތުމުގެ މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ރެއާލުން ނެރުނު ބަޔާނެއްގައިވާގޮތުން ކޯޓުއާ އެ މެޗުގައި ބަދަލުކުރީ އޭނާ ބަނޑުގައި ރިއްސާތީ ކަމަށާއި މިހާތަނަށް ބިރުގަތުން ފަދަ ނަފްސާނީ ކަމެއްގައި ރެއާލްގެ އެއްވެސް ކުޅުންތެރިއަކަށް ފަރުވާދީފައިނުވާ ކަމަށެވެ.
މި ސީޒަނުގައި މިހާތަަނަށް ކޯޓުއާ ކުޅުނު އަށް މެޗުގެ ތެރެއިން އޭނާ ކޮޅަށް ގޯލެއް ނުވަދެ ނިމުނީ ދެ މެޗެވެ. ބަނޑުގައި ރިއްސުން ރަނގަޅުނުވާތީ، ރެއާލުން އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ކޯޓުއާ ބައިވެރިނުވެ އެވެ. އެހެންވެ ސްޕެނިޝް ލީގުގައި މިރޭ ގްރަނާޑާއާ ދެކޮޅަށް ރެެއާލް ކުޅޭ މެޗުގައި ގޯލު ބަލަހައްޓާނީ މި ފަހަރުގެ ޓްރާންސްފާގައި އެ ޓީމާ ގުޅުނު އަލްފޮންސޯ އަރެއޯލާ އެވެ.
ރެއާލުގެ ދަނޑުގައި ވެސް ކޯޓުއާ އަށް ގިނަ ފާޑުކިޔުންތައް އަމާޒުވަމުން އަންނާތީ ބެލްޖިއަމްގެ ގޯލްކީޕަރު ކޯޗު އާވިން ލެމެންސް ވަނީ ކޯޓުއާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އަދި މިހާރު ކަންތައްތައް ހުރި ގޮތުން ކޯޓުއާގެ ފޯމު ވަރަށް ބޮޑަށް ގެއްލުމުގެ ބިރު ވެސް އެބައޮތް ކަމަށް ލެމެންސް ވަނީ ބުނެފަ އެވެ.
ޗެލްސީން 2011 ވަނަ އަހަރު ބެލްޖިއަމްގެ ގެންކަށް 10 މިލިއަން ޑޮލަރު ދީފައި ކޯޓުއާގެ ސޮއި ހޯދުމަށް ފަހު ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމުގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށް ފަހު ޗެލްސީއާ އަލުން ކޯޓުއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. އޭނާ ރެއާލަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ރެއާލުން އޭނާ ހޯދަން 50 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އަސްލު ހަގީގަތް
06 October 2019
ކީޕަރުން ކޮޅަށް ގޯލު ވަނުމަކީ މައްސަލައެއްނޫން. ގިނަފަހަރު ވަދެފަ ހުންނާނީ ޑިފެންސުން ހެދޭ މިސްޓޭކްސްތަކުގެ ސަބަބުން. ކޯޓުއާއަކީ ވޯރލްޑް ކްލާސް ގޯލް ކީޕަރެއް. އެކަމަކު ރިއަލް މެޑްރިޑް އަދި ބާސެލޯނާޔަކީ ވަރަށް ބޮޑު ދެ ކްލަބު. އެހެން ކްލަބުތަކޭ ޚިލާފަށް މި ދެ ކްލަބުގައި ފޭނުންގެ އެކްސްޕެކްޓޭޝަން ވަރަށް ހައިވާނެ. ގިނަ ކުޅުންތެރިން މި ދެ ކްލަބުގައި ކާމިޔާބު ނުހޯދެނީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގިގެން.
ކައުންސެލަރު
05 October 2019
ބުރޯ އަދިވެސް ރެއާލްގެ ބެޖަށް އުންމަ ދެއްޗެ! ހުރިތާ ހުރިނަމަ ތިޔަހުރިހާ އުނދަގުލެއްނުވިސް. ޗެލްސީގެ އެދުމުގައި ކޮޅުފައިން ޖަހާފަ ދިޔައިމަ ދެން ބޭނުމެއްނޫން. މިހާރު އަހުންގެ ކީޕަރަކީ އަލިފާން ކީޕަރެއް. ދެފަހަރަކަށް ކައްޓެއްނުޖެހޭނެ.! ވަރަށް ސަލާމް