މިއީ ފުޓްބޯޅަ މެޗެއް، ހަނގުރާމައެއް ނޫން: ކޮންޓޭ

މިލާން (އޮކްޓޫބަރު 6) - އިޓާލިއަން ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެނީ ފުޓްބޯޅަ މެޗެއް ކަމަށާއި މިއީ ހަނގުރާމައެއް ގޮތަށް ސިފަކޮށް ހަމަނުޖެހުމަށް ޖާގަދިނުމުގެ ވިސްނުން މީހުންގެ ސިކުނޑިން ފޮހެލަންޖެހޭ ކަމަށް އިންޓަ މިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.


ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން ހަ މެޗުން 18 ޕޮއިންޓް ހަމަކޮށް ލީގުގެ އެއް ވަނައިގައި އިންޓަ އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ދެ ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ. އެހެންކަމުން މިރޭގެ މެޗަކީ އެއް ވަނަ މަގާމަށް މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.

ޔުވެންޓަސް އިން އެންމެ ފަހުން އަށް ފަހަރު ވެސް އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވާއިރު، ފުރަތަމަ ތިން އަހަރު ލީގު ކާމިޔާބުކުރީ ކޮންޓޭގެ ކޯޗުކަމުގަ އެވެ. ކޮންޓޭ ޔުވެންޓަސްގެ ކޯޗުކަން ދޫކޮށްލީ 2014 ވަނަ އަހަރު އިޓަލީގެ ގައުމީ ޓީމާ ހަވާލުވާށެވެ. އޭގެ ފަހުން ޗެލްސީ އަށް ވެސް ކޯޗުކޮށްދިނުމަށް ފަހު އޭނާ އަލުން އިންޓައާ ހަވާލުވުމުން ޔުވެންޓަސްގެ ވަރަށް ގިނަ ސަޕޯޓަރުން ހިތްހަމަނުޖެހުންފާޅުކުރި އެވެ.

ކޮންޓޭ ބުނީ އިންޓަ ގޮވައިގެން ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު މާޒީއާ މެދު އެއްވެސް ވަރަކަށް ނުވިސްނާނެ ކަމަށެވެ.

"މި ކުޅިވަރެއް. މިއީ ކުޅެވޭ ފުޓްބޯޅަ މެޗެއް. މިއީ ހަނގުރާމައެއް ނޫން. ބައެއް ފަހަރު މިއީ ޖަޒުބާތުގައި ޖެހިގެން މީހުން ހަނދާން ނެތިފައި ހުންނަ ކަންތައްތައް. ހާލަތު އޮތްގޮތުން ވަރަށް އުނދަގޫ ހަގީގަތުގައި ބޭނުންވާ މަންޒިލަށް ދާން. އެއީ ކޮންމެ ބައެއް ވެސް މި ވިސްނަނީ މީގެ ނުރަނގަޅު ފަޅީގެ ވާހަކަތައް ދައްކަން. ފުޓްބޯޅައިގައި އޮންނަން ޖެހޭނީ ހަމައެކަނި މި ކުޅިވަރަށް އޮންނަ ލޯބި. އެކަން އެއްކޮށް ނެތިއްޖެނަމަ އަހަރެން ވެސް މަގާމެއްގައި ނުހުންނާނަން،" މިރޭގެ މެޗުގެ ކުރިން ކޮންޓޭ ބުންޏެވެ.

މިރޭގެ މެޗަކީ ޗެލްސީގެ ކުރީގެ ދެ ކޯޗުންގެ ކުރިމަތިލުމެކެވެ. ކޮންޓޭ އަށް ފަހު ޗެލްސީގެ ކޯޗުކަން ކުރީ މިހާރު ޔުވެންޓަސްގެ ކޯޗަކަށް ހުރި މައުރީޒިއޯ ސާރީ އެވެ. ދެ ކޯޗުން އެކުގައި އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ އަރެއްޒޯގައި މަސައްކަތްކުރުމަށް ފަހު ފަހުން ވަކިވީ އެވެ. އޭގެ ފަހުން ސާރީ އާއި ކޮންޓޭގެ ވާދަވެރިކަން ކޯޗިންގައި ބޮޑެވެ.

ސާރީ ބުނީ މިއީ އޭނާއާ ކޮންޓޭ ވާދަކުރާ މެޗެއް ނޫން ކަމަށެވެ.

"ކޮންޓޭ އަކީ މޮޅު ކޯޗެއް. އޭނާގެ މަސައްކަތުގެ ކާމިޔާބީ ދެ ކްލަބަކުން އެބަހުރި ފެންނަން. މިއީ ޔުވެންޓަސް އާއި އިންޓަ ކުޅޭ ފޯރިގަދަ މެޗެއް. އަހަންނަށް ނޭނގެ ގިނަ މީހުން މިއީ ސާރީ އާއި ކޮންޓޭގެ ކުރިމަތިލުމެއްކަމަށް ވިސްނަންވީ ސަބަބެއް،" ސާރީ ބުންޏެވެ.

އޭނާ ބުނީ މި މެޗުން ބަލިވި ނަމަވެސް ޔުވެންޓަސް އަށް ލީގު ނުގެއްލޭނެ ކަމަށާއި ސީޒަނުގެ ކުރީކޮޅުގައި ގިނަ ގޯސްތަކެއް ހެދޭނެ ކަމަށެވެ.

ކޮންޓޭގެ ނަޒަރުގައި މި މެޗުން އިންޓަ މޮޅުވެއްޖެނަމަ 2010 ވަނަ އަހަރަށް ފަހު ލީގު ހޯދަން އެ ޓީމުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ އެވެ. އެއީ ޔުވެންޓަސް އަކީ މި ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ޓީމު ކަމަށާއި އަދި ލީގުގެ ފޭވަރިޓް ކަމަށްވުމުންނެވެ. އިންޓަގެ ސްޓޭޑިއޯ ޖިސެއްޕޭ މީޒާގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 11:45 ގަ އެވެ.